ޚަބަރު

ލަންކާ ވިސާއަށް އެދޭއިރު މެޑިކަލް ރިޕޯޓު ހުށައަޅަންޖެހޭނެ


ސްރީ ލަންކާގައި އުޅޭ އެހެންޤައުމުތަކުގެ މީހުން ވިސާއަށް އެދޭއިރު އެޤައުމުގެ ހެލްތު މިނިސްޓްރީން އެކުލަވާލާފައިވާ "ހެލްތު ޕްރޮޓެކްޝަން ޕްލޭން"ގެ ދަށުން ހުށަހަޅަން އަންގަފައިވާ މެޑިކަލް ރިޕޯޓުތައް ހުށައެޅުމަށް ސްރީ ލަންކާގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން އަންގަވައިފިއެވެ.

ސްރީ ލަންކާގެ އިމިގްރޭޝަނުން ޢާއްމުކުރައްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މިމަހުގެ 3ވަނަ ދުވަހުން ފެށިގެން އެއްވެސް ބާވަތެއްގެ ވިސާއަށް އެދޭއިރު އެޤައުމުގެ މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލާފައިވާ ހެލްތު ޕްރޮޓެކްޝަން ޕްލޭނަށް އެންމެހައި ފަރާތްތަކުންވެސް ޢަމަލުކުރަން ޖެހޭނެކަމަށެވެ. އަދި ވިސާއަށް އެދޭއިރު އެމިނިސްޓްރީން އެކުލަވާލާފައިވާ ހެލްތު ޕްރޮޓެކްޝަން ޕްލޭންގެ ދަށުން ހަދަންޖެހޭ މެޑިކަލް ޗެކަޕްތަކުގެ ރިޕޯޓުތައް އިމިގްރޭޝަނަށް ހުށައަޅަންޖެހޭނެކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އާ އުސޫލުގެ ދަށުން މެޑިކަލް ރިޕޯޓުތައް ހުށައަޅަން ނުޖެހޭ ފަރާތްތަކަކީ ޑިޕްލޮމެޓިކް ވިސާ އޮންނަ ފަރާތްތަކާއި، ސްރީ ލަންކާގެ މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްގެ ދަށުން މަސައްކަތް ކުރާ އދ.ގެ އެކި މަންދޫބުންނާއި ބައިނަލްއަޤުވާމީ ބައެއް ޖަމާޢަތްތައް ކަމަށްވާ އުސައިޑާއި، ޖައިކާއާއި، ކޮއިކާގެ އިތުރުން ޔޫއެސް ޕީސް ކޮރޕްސްގައި ޙަރަކާތްތެރިވާ އެޖަމާޢަތްތަކުގެ މީހުންނާއި ސްރީ ލަންކާ ސަރުކާރުގެ މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާއި އޭޖެންސީތަކާއި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ މީހުންނާއި ސަރުކާރަށް ކޮންސަލްޓެންސީގެ ޚިދުމަތް ދެމުންގެންދާ މީހުންކަމަށްވެސް ސްރީ ލަންކާގެ އިމިގްރޭޝަނުން ވިދާޅުވެއެވެ.

އެހެންކަމުން ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންވެސް މިޤަވާއިދުގެ ދަށުން ވިސާއަށް އެދޭއިރު އެޤައުމުގެ ހެލްތު ޕްރޮޓެކްޝަން ޕްލޭންގެ ދަށުން ހުށައަޅަންޖެހޭ މެޑިކަލް ރިޕޯޓުތައް ހުށައަޅަންޖެހޭނެއެވެ. ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީންވަނީ މިކަމަށް ސަމާލުވުމަށް އެޤައުމުގައި ދިރިއުޅޭ އެންމެހައި ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ.