ޚަބަރު

އެމްބީސީ އުވާލުމަށްފަހު އާ ކުންފުންޏެއް އުފެއްދުމަށް ފާސް ކޮށްފި


ރާއްޖޭގައި މިހާރު ހިނގަމުންދާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އުވާލުމަށްފަހު ޕަބްލިކް ސަރވިސް މީޑިއާގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށައަޅުއްވާފައިވާ އެބިލް މަޖިލީހުން މިއަދު ފާސްވީ ވޯޓްގައި ބައިވެރިވި ސާޅީސް އެއް މެމްބަރުންގެ ވޯޓުންނެވެ.މުހައްމަދު އިސްމާއިލް ހުށައަޅުއްވާފައިވާ ޕަބްލިކް ސަރވިސް މީޑިއާގެ ބިލްގައި ބުނެފައިވަނީ، މިބިލް ޤާނޫނަކަށް ވުމުން މިހާރު އޮތް އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑު ޤާނޫނީގޮތުން ނިމުމަކަށް އަންނާނެކަމަށެވެ. އަދި މިގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ގަވަނިން ބޯޑު އެކުލަވާލަން ޖެހޭނެކަމަށާއި، އެބޯޑުގައި އިސްކޮށް ތިއްބަވަނީ ޗެއާޕާސަން އާއި ވައިސް ޗެއާޕާސަންކަމަށެވެ.ގަވަނިން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމާއި އިސް މެނޭޖްމަންޓު އެކުލަވާލާ މުވައްޒަފުންނާއި މުސާރައިގެ އޮނިގަނޑު ފާސްކުރުމާއި އެއަށް ބަދަލު ގެނައުން ހިމެނެއެވެ. އަދި ޕަބްލިކް ސާވިސް މީޑިއާގެ މަގުސަދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ހިންގުމުގެ މަގު ފަހިކޮށްދީ، ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ޕަބްލިކް ސާވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި އެފަދަ މީހުން ވަކިކުރުމަކީ ވެސް ގަވަނިން ބޯޑުގެ ޒިންމާގެ ތެރޭގައި ހިމެނޭކަމެއްކަމަށް ބުނެފައިވެއެވެ.