ޚަބަރު

ވާރޭވެހި ކުޅުދުއްފުށީގެ 2 ގެއެއްގައި މީހުންނަށް ދިރި ނޫޅެވޭވަރަށް ފެންބޮޑުވެއްޖެ


ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގެ ދެ ގެއެއްގައި ދިރިނޫޅެވޭވަރަށް ފެންބޮޑުވެ ގެއްލުންތައް ލިބުމާއި ގުޅިގެން 2 އާއިލާއެއް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ހިސާން ޙަސަން ވިދާޅުވީ އެރަށުގައި ބިންތިރިކޮށް ހުރި ގޯޅިތަކުގައި ހުރި ގެތަކުގައި ފެންބޮޑުވެ 15 ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށެވެ. އެގޮތުން ގޭތެރެއާއި ކޮޓަރިތަކަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗައްވަނީ ގެއްލުންތައްވެފައެވެ.

މީހުން ނޫޅެވޭ ވަރަށް ގެއްލުންވި އެއް އާއިލާއަށް ޑިޒާސްޓަރއާއި، ރަށު ކައުންސިލްގެ އެހީގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. އަދި ގެއްލުންވި ދެވަނަ ގޭގައި ދިރިއުޅުނު އާއިލާގެ މީހުން، އެމީހުންގެ އާއިލާގެ އެހެން ގެއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާކަމަށެވެ.

ކުޅުދުއްފުއްޓަށްވަނީ މިއަދު މެންދުރުންފެށިގެން ހަވީރާއި ހަމަށް ހުއްޓާނުލައި ވާރޭވެހިފައެވެ. ހިސާން ވިދާޅުވީ އެރަށުގައި ފެންބޮޑުވާން ދިމާވި އެންމެ ބޮޑު އެއްސަބަވަކީ އެރަށުގައި ތާރުއަޅައިގެން އުސްކޮށް ހަދާފައިވާ މަގުތަކުގެ ސަބަބުން، އެމަގަށް ވެހޭ ވާރޭފެން، ތިރިކޮށް ހުންނަ ކުދި ގޯޅިތަކަށް ޖަމާވާތީކަމަށެވެ. އަދި އެރަށު ކުޅި ހިއްކާފައިވުމަކީވެސް ގުދުރަތީގޮތުން ފެން ހިންދުމަށް އޮތް ހުރަހެއްކަން ހިސާން ފާހަގަކުރެއްވިއެވެ.

ހިސާން ވިދާޅުވީ މި ސަބަބުތަކަށް ޓަކައި، އެރަށުގައި ފެންބޮޑުވެދާނެ ޚާލަތެއް ހިނގާފާނެކަމަށް ބަލައި، އެންޑީއެމްއޭއާއި ކައުންސިލާއި، ރަށުގެ އެހެން މުއައްސަސާތަކުންވެސްތިބީ އެކަމަށް ތައްޔާރުވެގެންކަމަށެވެ. އެގޮތުން މިހާރުވެސް ކައުންސިލާއި، ރައްޔިތުންނާއި، އަދި ރަށުގައި މަސައްކަތް ކުރާ ފުލުހުންނާއި، ރެޑްކްރެސެންޓާއި ޕަބްލިކް ވޯކްސްގެ މީހުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ފެންވަނުން ކުޑަކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.