ޚަބަރު

ސޫދާންގައި އަވަސް އިންތިޚާބެއް ބާއްވާނޭކަން އިޢުލާންކޮށްފި


ސޫދާންގެ އިދިކޮޅު އިއްތިޙާދާއި އަސްކަރީ އިންތިޤާލީ މަޖިލީހާ ދެމެދު ކުރިން އެއްބަސްވި ހުރިހާ އެއްބަސްވުންތައް އުވާލުމަށްފަހު، ނުވަ މަސް ދުވަހުގެ ތެރޭގައި އަވަސް އިންތިޚާބެއް ބާއްވަން ދެ ފަރާތުން ނިންމައިފިއެވެ.

ދެ ފަރާތުން މި ގޮތަށް ނިންމާފައިމިވަނީ، ހޯމަ ދުވަހުގެ ސޫދާންގެ ވެރިރަށް ޚާރްތޫމްގައި ހިންގި ލޭއޮހޮރުވުންތަކަށްފަހު، އަސްކަރީ މަޖިލީހާއެކު ދެން މަޝްވަރާކުރުމުގެ މާނައެއް ނެތްކަމަށާއި، އަސްކަރީ މަޖިލީހުގެ ވެރިންނާއި މެންބަރުން ދެން ޙާޒިރުކުރަން ޖެހޭނީ އިންސާފުގެ ކުރިމައްޗަށްކަމަށް ސޫދާނުގައި އިސްލާހަށް މަސައްކަތްކުރާ އިދިކޮޅު ކޯލިޝަނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ސޫދާނުގެ ވެރިކަންކުރާ މަދަނީ އިންތިޤާލީ މަޖިލީހުން ހޯމަ ދުވަހު ވަނީ، މުޒާހަރާތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވަކަމަށް ބުނެ، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހައި އޭގެތެރެއިން ތިރީސް ފަސް މީހަކު މަރާލާފައެވެ. އަސްކަރީ މަޖިލީހުގެ އަމުރަށް ސޫދާން ސިފައިން ބާރުގެ ބޭނުންކުރީ ޚަރްތޫމުގައި ހުންނަ ސޫދާން ސިފައިންގެ މައި މަރުކަޒުގެ ކުރިމަތީގައި އެއްވެ، ސުލްޙަވެރިކަމާއެކު މުޒާހަރާކުރަމުންދިޔަ އެތައް ހާސް ބަޔަކާ ދެކޮޅަށެވެ.

ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙުލް ބުރުހާންގެ މި އިޢުލާނާއެކު، ޚަރްތޫމްގެ ލޭއޮހޮރުވުން ނިމުމަކަށް އަންނާނޭކަމަށް ވަނީ ބެލެވިފައެވެ.

ހޯމަ ދުވަހުގެ ލޭ އޮހޮރުވުން އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ ޤަތުލުޢާއްމެއްގެ ގޮތުގައެވެ. ހަމަލާތަކަށްފަހު އަސްކަރީ މަޖިލީހުގެ ތަރުޖަމާން މޭޖާ ޖެނެރަލް ޝަމްސުއްދީން ކަބާޝީ ވިދާޅުވީ ބާރުގެ ބޭނުންކުރީ އެއްވެފައިވާ މީހުން ފައްސާލަން ނޫންކަމަށާ ބާރުގެ ބޭނުންކުރީ އެތަނާ ޖެހިގެންއޮންނަ ކޮލަންބިޔާ ސަރަހައްދުގައި ބަޔަކު ބަޑިހިފައިގެން އުޅޭތީ އެމީހުން މައިތިރި ކުރުމަށްކަމަށެވެ.
ސޫދާނުގައި ހޯމަދުވަހު ހިނގި މިކަންތައްތަކާ ގުޅިގެން އދ. އާއި ދުނިޔޭގެ ގައުމުތަކުން ވަނީ ސޫދާން ސިފައިން އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގި ބަޑިޖެހުމުގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ.

މި ބަޔާންތަކުގައި ބައިނަލްއަޤުވާމީ މުޖުތަމައުންވަނީ ސޫދާނުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމަށާއި ލޭއޮހޮރުވުމުގެ އަމަލެއް ނުހިންގުމަށް އަސްކަރީ މަޖިލީހަށް ގޮވާލާފައެވެ.