ޚަބަރު

ސްރީލަންކާގެ ކެބިނެޓުގެ މުސްލިމް ވަޒީރުން އެއްފަހަރާ އިސްތިއުފާދެއްވައިފި


ސްރީލަންކާގެ ކެބިނެޓުގައި ހިމެނޭ މުސްލިމް ވަޒީރުންނާއި އިސް މަސްއޫލުވެރިން ޖަމާޢީ ގޮތެއްގައި އިސްތިއުފާ ދެއްވައިފިއެވެ.

ސްރީލަންކާގެ ހަޔަރ އެޑިއުކޭޝަނާ ބެހޭ ވަޒީރު އަދި ސްރީލަންކާގެ މުސްލިމް ކޮންގްރެސްގެ ލީޑަރު ރައުފް ހަކީމް ވިދާޅުވީ، ކެބިނެޓުގައި ހިމެނޭ ވަޒީރުންނާއި ދައުލަތުގެ ވަޒީރުންނާއި ވަޒީރުންގެ ނައިބުންން އަދި ދެ ގަވަރުނަރުން އިސްތިއުފާ ދެއްވައިފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބޭފުޅުން އިސްތިއުފާގެ ސިޓީގައި ސޮއިކުރައްވައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ހަކީމް ވިދާޅުވިއެވެ.

ސްރީލަންކާ ބައިމަދު މުސްލިމުންނަށް ނިސްބަތްވާ ވަޒީރުންނާއި އެނޫންވެސް އިސް ބޭފުޅުން މަޤާމުން އިސްތިފާ މިދެއްވީ ސްރީލަންކާއަށް ދާދިފަހުން ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެ ޤައުމުގެ ބުޑިސްޓުންގެ ހަރުކަށި ފަރާތްތަކުން ކުރިމަތިވާ ފިއްތުންތަކާ ގުޅިގެންކަމަށް ސްރީލަންކާ މުސްލިމް ކޮންގްރެސްއިން ބުނެއެވެ.

މިދިޔަ އެޕްރީލް މަހުގެ އެކާވީސް ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގާފައިވަނީ އެ ޤައުމުގެ މުސްލިމުންގެ ތެރޭގައި ހިމެނޭ ހައްދުފަހަނަޅާފައިވާ ބައެއްކަމަށާއި އެމީހުން ނިސްބަތްވަނީ ނެޝަނަލް ތައުހީދު ޖަމާއަތާއި މިއްލަތު އިބްރާހީމް ޖަމާއަތަށް ކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ.

އެ ހަމަލާތަކަށްފަހު ސްރީލަންކާގެ ހަރުކަށި ބުޑިސްޓުންވަނީ މުސްލިމުންގެ ގެދޮރަށާއި މިސްކިތްތަކަށް ހަމަލާތައްދީ މުސްލިމުންގެ މުދަލާއި ފިހާރަތަކަށާ އަދި ކާރުޚާނާތައް އަންދާލުންފަދަ ލާއިންސާނީ ޖަރީމާތަކެއް މުސްލިމުންނާ ދެކޮޅަށް ހިންގާފައެވެ.