ވިޔަފާރި

ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ރިޔާސަތު ބަލަހައްޓާ ޤައުމަކަށް ރާއްޖެ


ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ރިޔާސަތު ބަލަހައްޓާ ޤައުމަކަށް ރާއްޖެ ހޮވިއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅޭ ޖަމްޢިއްޔާ، ޔޫއެންޑަބްލިއުޓީއޯ އިން ސައުތު އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ކޮމިޝަންގެ ޗެއަރކަން، ނުވަތަ ރިޔާސަތު ބެލެއްޓުން ރާއްޖެއާއި ހަވާލުކޮށްފައިވަނީ 2020-2022 އަށެވެ.

ރާއްޖެއިން އެންމެ ފަހުން މި މަޤާމު ފުރާފައިވަނީ 1995-1997 އަށެވެ.

ބޫޓާންގައި މިހާރު ކުރިއަށްދާ ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙެވެ.

އަހަރީ މި ބައްދަލުވުމުގައި ސަރަޙައްދީ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ އިސްވެރިން ބައިިވެރިވެއެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުޟޫއުތަކުގެތެރޭގައި، ދެެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުުވުމާއި، ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްހަމަ ޖެހުމާއި އުފާވެރިކަން ފަތުރުވެރިކަން މެދުވެރިކޮށް އިތުރުކުރުން ހިމެނެއެވެ.