ޚަބަރު

3 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 2 މީހުން ކޯޓުން ދޫކޮށްލައިފި


ކޯޓު އަމުރުގެ ބައެއްގައި ސޮއި ނެތިގެން 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ހުޅުމާލެއިން 3 ކިލޯގެ މަސްތުވާތަކެއްޗާއެކު ރޭ ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އެ 2 މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެމީހުން ހައްޔަރުކުރުމަށް ފުލުހުން އެދިގެން ހޯދި ކޯޓު އަމުރުގެ ފަހުގަނޑުގައި އެކަނި ސޮއި އިންކަމަށް ބުނެ ކޯޓުން އެމީހުން ދޫކޮށްލާފައިވާކަމަށެވެ.

ކޯޓުން މިގޮތަށް ނިންމާފައިވަނީ ޖިނާޢީ އިޖުރާޢަތުގެ 32 ވަނަ މާއްދާގެ ހ ގެ 12 ވަނަ ނަންބަރަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މިމާއްދާގައި ބުނާގޮތުން ކޯޓުއަމުރުގެ ހުރިހާ ގަނޑެއްގައި ޤާޟީގެ ނަމާއި، ސޮއި އަދި ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.

ފުލުހުން ބުނީ އެ 2 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ މެންދަމު 3:10 ހާއިރުކަމަށެވެ. ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން އެގެއަށް ވަދެ ބަލާ ފާސްކުރަނިކޮށް މަސްތުވާތަކެތި އެގެއިން ފެނިފައިވާކަމަށެވެ.

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފައިވާއިރު، އިއްޔެވެސް ފުލުހުން ވަނީ މާލޭގައި ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެއަކުން 11 މީހަކު ހައްޔަރުކޮށްފައެވެ.

މިދިޔަ މަހުގެ 27 ވަނަދުވަހުވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ދެ ގެއަކަށް ވަދެ 37 މީހަކު ހައްޔަރުކޮށްފައެވެ. އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ފުލުހުން އަންނަނީ މިފަދަ ގޮތްގޮތަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ހޯދާ، އެކަމުގައި ޝާމިލުވާ މީހުން ހައްޔަރުކުރަމުންނެވެ.