ޚަބަރު

އެކްސިޑެންޓުގައި ބުރިޖު ހައިވޭގެ ޑިވައިޑަރުތައް ފުނޑުފުނޑުވުމުން ވެހިކަލް ފިލައިފި


މާލެއިން ހުޅުމާލެއަށް ދަތުރުކުރި ވެހިކަލެއް ބުރިޖްގެ ހައިވޭގެ ޑިވައިޑަރުތަކުގައި ޖެހި ހިނގި އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 10:15 ހާއިރުކަމަށާއި، އެކްސިޑެންޓުވި ވެހިކަލް މަޑުނުކޮށް ގޮސްފައިވާކަމަށެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބްރިޖުގެ ލޭންތައް ވަކިކުރުމަށް މެދުގައި ޖަހާފައި ހުރި ޑިވައިޑަރުތަކުގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑުވެފައެވެ.

މި މައްސަލަ މިހާރު ތަޙްޤީޤުކުރަމުންދާކަމަށާއި، ޑިވައިޑަރުތައް ހަލާކުކޮށްލުމަށްފަހު ފިލައިގެންދިޔަ ވެހިކަލް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް ބްރިޖު ހައިވޭގައި ހިނގާ ބައެއް އެކްސިޑެންޓުތަކުގައި ޑިވައިޑަރުތައް ފުޑުފުޑުވުމަކީ އާއްމުކޮށް ހިނގާ ކަމެކެވެ. ކޮންމެ ހަފްތާއަކު އެއް ފަހަރު ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިހަފްތާގައި އެކަނިވެސް މާލޭ ސިޓީން 64 އެކްސިޑެންޓެއް ހިނގާފައިވެއެވެ. މި އެކްސިޑެންޓްތަކާ ގުޅިގެން 11 ފަރާތެއްގެ ލައިސަންސްވެސް ހިފަހައްޓާފައިވާކަން ފާހަގަކޮށްލެވެއެވެ.