ޚަބަރު

"އުފުރިޔާ" ދޯނި ހޯދައި، އޭގައި ތިބި މީހުން ކައްދޫއަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި

މާލޭން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަމުން ދަނިކޮށް، ފުރިފަހުން ޚަބަރެއް ނުވެގެން އުޅުނު "އުފުރިޔާ" ދޯނި ހޯދައި، އޭގައި ތިބި މީހުން ލ. ކައްދޫއަށް ގެންދިޔުމުގެ މަސައްކަތް އެމް.އެން.ޑީ.އެފުން ފަށައިފިއެވެ.

އިންޖީނު ހުއްޓި ހާލުގައިޖެހި، ދޯނި ކަފުޖަހާނެ އިތުރު އުޅަނދެއް ލިބޭތޯ ދޯނީގެ ވެރިފަރާތުން ކުރި މަސައްކަތުން އިތުރު އުޅަނދެއް ނުލިބި، ގަދަ އޮޔާއެކު ރާއްޖޭގެ ސަރަޙައްދުން ބޭރަށް "އުފުރިޔާ" ދޯނި ދާތީ، މިއަދު ހެނދުނު 06:30 ހާއިރު، ލ. ގަމުގެ އިރުން 57 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ވަނީ ކަނޑަށް ދޫކޮށްލައި، ދޯނީގައި ތިބި ތިން ދިވެހިން އެމްއެންޑީއެފްގެ އެފްއައިސީ "މާފަތް" ލޯންޗަށް ނަގާފައެވެ.

އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެފްއައިސީ "މާފަތް" ލޯންޗުގައި މިހާރު ލ. ކައްދޫއަށް ގެންދިޔުމަށް ދަތުރުކުރަމުންދާއިރު، އެމީހުން ކައްދޫއަށް ގެންދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު ހަވީރު 15:30 ހާއިރުކަމަށް ސިފައިން ބުނެއެވެ.

33 ފޫޓްގެ މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ފެށީ ފުރިފަހުން ޚަބަރެއް ނުވެގެން، އިއްޔެ ހަވީރު 17:20 ހާއިރު އެކަމާ ގުޅޭ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާ ގުޅިގެންނެވެ. އެ ދޯނި ހޯދުމުގެ މަސައްކަތުގައި އިއްޔެ ހަވީރުން ފެށިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗު ދިޔައީ ހަރަކާތްތެރިވަމުންނެވެ.

އުފުރިޔާ ދޯނި ފެނިފައިވަނީ، ދޯނި ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދަނިކޮށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗަށް، ރޭ 22:30 ހާއިރު، ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓި، ހާލުގައި ޖެހިފައި ވަނިކޮށެވެ. އަދި، ދޯނީގެ ވެރިފަރާތުން ދޯނި ކަފުޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އެ ދޯނި އޮޔާދާތީ، ރެއިން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް އެފްއައިސީ "މާފަތް" ލޯންޗް ދިޔައީ މި ދޯނި ކައިރީ ހަރަކާތްތެރިވަމުންނެވެ.