ޚަބަރު

މާދަމާއަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި


މާދަމާއަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިގޮތަށް ކަނޑައަޅަފައިވަނީ އިސްލާމީ ގިނަ ޤައުމުތަކަށް ހަނދު ސާބިތުވުމާ ގުޅިގެންނާއި ފަލަކީ ހިސާބަށް ބެލުމަށް ފަހުގައެވެ.

ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން އިސްލާމީ ގިނަ ޤައުމުތަކަށް ހަނދުފެނިފައިވާތީއާއި ރާއްޖޭގައި ހަނދު ސާބިތުކުރުމަށް ގެންގުޅޭ އުސޫލުތަކުގެ މަތިންނާއި އިތުބާރު ހުރި ފަލަކީ ހިސާބުން ހަނދު ސާބިތުވާކަން ކަށަވަރުވާތީ ހޯމަ ހޯމަދުވަހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސްކަމަށާއި އަންގާރަ ދުވަހަކީ ޝައްވާލުމަހުގެ އެއްވަނަ ދުވަސްކަމަށް ކަނޑައަޅާކަމަށެވެ.

އެހެންކަމުން އަންގާރަ ދުވަހަކީ މިއަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދުދުވަހެވެ. އިސްލާމީ ބޮޑެތި ޤައުމުތަކަށް ހަނދު ފެނިފައިވާއިރު ހޯމަ ދުވަހުގެ އިރު އޮސުނު އިރު ހަނދު ނުފެންނަނީ މުސްލިމުންގެ އެންމެ ބޮޑު އާބާދީ އޮންނަ އިންޑޮނޭޝިއާއާއި މެލޭޝިއާއަށެވެ. އެހެންކަމުން މިދެޤައުމަށް އަންގާރަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އަދި އެދެ ޤައުމަށް ޢީދުވާނީ އަންނަ ބުދަދުވަހުއެވެ.

ވިއްސާރަވުމާއި ގުޅިގެން ރާއްޖޭގައި ހަނދު ބެލުމަށް ޙަރަކާތްތެރިވި އެއްވެސް މީހަކަށް ހަނދު ނުފެނުނުކަމުގައި ވީނަމަވެސް ހޯމަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން 4 މިނެޓާއި 6 މިނެޓާއި ދެމެދުގެ ވަގުތުކޮޅެއްގައި ހަނދު ރާއްޖޭގައި ފެނުންމަތީގައި ހުންނާނެކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.