ސިޔާސީ

އެއްގަމު ދަތުރު ފަތުރުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް


އެއްގަމު ދަތުރު ފަތުރުގެ ޤާނޫނައި ޚިލާފްވާ ފަރާތްތަކަށް ކުރާ ޖޫރިމަނާގެ އަދަދު ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފިއެވެ.އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އިސްލާހު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، އެއްގަމު އުޅަނދު ދައްވުމަށް ކަނޑައަޅފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވާ ފަރާތައް ފުރަތަމަފަހަރު ހިފަހައްޓައިފި ނަމަ 1000 ރުފިޔާއިން ޖޫރިމަނާކޮށް، ދެވަނަ ފަހަރަށް ހިފަހައްޓައިފިނަމަ 1500 ރުފިޔާއިން، އަދި ތިންވަނަ ފަހަރަށް ހިފަހައްޓައިފިނަމަ 2000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށެވެ. އަދި ދެ ވަނަ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު، އެފަރާތެއްގެ ލައިސަންސް 3 މަސް ދުވަހަށް ހިފެހެއްޓޭނެކަމަށްވެސް ބުނެފައިވެއެވެ. އަދި ނުރައްކާތެރި ގޮތަށާއި، އަމާންކަން ގެއްލޭގޮތަށާއި، ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވާނަމަ އެފަރާތެއް ހިފަހައްޓައި ދުއްވި ބަޔަކު ފުރަތަމަ ފަހަރު 2000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެކަމަށާއި، 2 ވަނަ ފަހަރު 3000 ރުފިޔާ އިން ޖޫރިމަނާކޮށް، އިތުރުވާ ކޮންމެ ފަހަރަކު 4000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށްވެސް އެއިސްލާހުގައިވެއެވެ. އަދި އެފަރާތެއްގެ ލައިސަންސް 30 ދުވަހަށް ހިފެހެއްޓޭނެކަމަށްވެސް ބުނެފައިވެއެވެ.މީގެ އިތުރުން ލައިސެންސް ނުނަގައި އެއްގަމު އުޅަނދެއް ދުއްވައިފި ނަމަ ފުރަތަމަ ފަހަރު އެފަރާތެއް  1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި، 2 ވަނަ ފަހަރު 1500 ރުފިޔާއިން، އަދި ތިން ވަނަ ފަހަރު 2000 ރުފިޔާ އިން ޖޫރިމަނާކޮށް އެއް މަސް ދުވަހަށް އުޅަނދު ހިފެހެއްޓުމަށް އެބިލްގައި ހިމަނާފައިވެއެވެ.މި ބިލަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުންވެސް ވަނީ އެއިސްލާހަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.މީގެއިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ރިއާޒް ރަޝީދުވެސް ވަނީ މިޤާނޫނަށް އިސްލާހެއް ހުށައަޅާފައެވެ. އެއިސްލާހުގައި ވާގޮތުން އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅަފއިވާ މަގެއްގައި ދެފުރޮޅުލީ އުޅަނދެއް ދުއްވާނަމަ ހެލްމެޓް އަޅަން ޖެހޭނެއެވެ.