ސިޔާސީ

ސުޕްރީމް ކޯޓުން ނޫސްބަޔާން ނެރުމަކީ ގެއްލިފައިވާ އިތުބާރު ހޯދޭނެކަމެއް ނޫން- އޭޖީ ރިފްޢަތު


ބައިނަލްއަޤްވާމީ ފެންވަރުގަ އިހްތިރާމް ހޯދާފައިވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ނަންފުޅަށް ހުތުރުވާގޮތަށް ސުޕްރީމް ކޯޓުން ނޫސްބަޔާންނެރެ ވާހަކަ ދެއްކުމަކީ ފަނޑިޔާރުގެއާމެދު ގެއްލިފައިވާ އިތުބާރު އަލުން ހޯދޭނެކަމެއް ނޫންކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޝަރުޢީ ނިޒާމާގުޅޭގޮތުން ދިރާސާކުރެއްވުމަށް ރާއްޖެވަޑައިގެން އުޅުއްވާ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލަރ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކާފައިވާ ކަމަށް ވިދާޅުވެ ކުރައްވާފައިވާ ތުހުމަތުތަކާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ސުޕްރީން ކޯޓުން ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ވިދާޅުވެފައިވާކަމަށް ވިދާޅުވެ ނޫސްބަޔާނެއް ނެރުއްވާފައެވެ. އަދި ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވެފައިވާކަމަށްވެސް ސުޕްރީން ކޯޓުން ނެރުނު ނޫސްބަޔާނުގައި ތުހުމަތުކުރައްވާފައިވެއެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވީ، ފަނޑިޔާރުގެ އިސްލާހުކުރުމަކީ މި ސަރުކާރާއި އެޖެންޑާ 19 އިން އެންމެ އިސްކަންދޭ ކަންތައްކަމަށާއި، ފާއިތުވި އަހަރުތަކުގައި ފަނޑިޔާރުގެ އިސްލާހުކުރަންޖެހޭކަމަށް އދ.އާއި އީޔޫއާއި އަދި އެނޫންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުން އެތައް ރިޕޯޓްތަކެއް ނެރެފައިވާކަމަށެވެ. އަދި ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހުކުރަންޖެހޭ އެތައްކަމެއް އެބަހުރިކަމަށް އެފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވެފައިވާކަން އޭޖީ ރިފްޢަތު ފާހަގަކުރެއްވިއެވެ.

ބަންޑާރަނާއިބް ވިދާޅުވީ، 1 ފެބުރުއަރީ 2018 ގައި ނެރުނު ސުޕްރީމް ކޯޓުގެ ޢަމުރުގައި ހުދު ސުޕްރީމްކޯޓުގެ މައްޗަށްވެސް އެކި ސިފަސިފާގައި އެކި މިންވަރަށް ނުފޫޒު ފޯރާފައިވާކަން އެގެން އޮންނަކަމަށާއި، ރާއްޖެއަށް އެހީދޭ އދ.ގެ ޖަމްޢިއްޔާ ޖަމާއަތްތައް މެދުވެރިވެގެން ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައި ބައިނަލްއަޤްވާމީ ފެންވަރުގަ އިހްތިރާމް ހޯދާފައިވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ނަންފުޅަށް ހުތުރުވާގޮތަށް ސުޕްރީމް ކޯޓުން ނޫސްބަޔާންނެރެ ވާހަކަ ދެއްކުމަކީ ހިތާމަކުރައްވާކަމެއްކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންފުޅުވީ ހަމައެކަނި ޖަސްޓިސް ކްލޭގްލަރއާއި އެކަނި ބައްދަލުކުރައްވަން. އެބޭފުޅާގެ އިތުރުން އެހެން ބޭފުޅަކު އެ ބައްދަލުވުމުގަިއ ބައިވެރިވާން ފުރުޞަތު ނުދެއްވާ." ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވިއެވެ.

އެކަން އެގޮތަށް ކޮށްގެން ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި، ރައްޔިތުންގެ ކިބައިންވެސް އިތުބާރު ނުހޯދޭނެކަމަށާއި، ފަނޑިޔާރުންގެ ގެއްލިފައިވާ އިތުބާރު އިޔާދަކުރެވޭނެކަމަށް ޤަބޫލުނުކުރައްވާކަމަށް ރިފްޢަތު ވިދާޅުވިއެވެ. ހެޔޮ ނިޔަތުގައި ފަނޑިޔާރުގެ އިޞްލާހުކުރުމުގެ އެކަށީގެންވާ ވަގުތު ސުޕްރީމްކޯޓަށާއި، ފަނޑިޔާރުގެއަށް ލިބިއްޖެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ރިފްޢަތު ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި، ސުޕްރީމްކޯޓުގެ ކޮންމެ އިސްނެގުމަކަށްވެސް ފަނޑިޔާރުގެ އިސްލާހުކުރުމަށް ދޭންވާ ކޮންމެ އެއްބާރުލުމެއް ދެއްވާނެކަމަށްވެސް ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވިއެވެ.