ޚަބަރު

ޑިގްރީއަށް ކިޔަވަން އޮންލައިންކޮށް ފޯމް ހުށައެޅޭނެ


ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ބެޗްލަރސް ޑިގްރީ ގްރާންޑް ސްކީމް"ގެ އެޕްލިކޭޝަންތައް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި އެޕްލިކޭޝަންތައް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެންނެވެ.

ހަޔަރ އެޑިއުކެޝަން މިނިސްޓްރީން ވިދާޅުވީ އޮނަލްއިންކޮށް އެޕްލިކޭޝަންތައް ބަލައިގަތުމަށް ނިންމާފައިވަނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މިގޮތަށް ބަދަލުކުރުމުން އެޕްލިކޭޝަންތައް ޕްރޮސެސްކުމަށްވެސް ފަސޭހަވެގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކުރިންނަމަ އެޕްލިކޭޝަން ހުށައެޅުމަށްފަހު ސަރުކާރުގެ ޚަރަދުގައި ކިޔެވުމުގެ ފުރުޞަތު ލިބުމުން އެ މިނިސްޓްރީއަށް ގޮސް އެޕްލިކޭޝަންގައި ސޮއިކުރަންޖެހެއެވެ. ނަމަވެސް އެޕްލިކޭޝަންގައި އެގްރީމަނޓް ބައިވެސް ހިމަނާފައިވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމުން މިހާތަނަށް 4000 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އަދި 1000 އަށް ވުރެ ގިނަ ފާރާތަށް ކިޔެވުމުގެ ފުރުޞަތު ލިބިފައިވާކަން އަންގާ ސިޓީ ފޮނުވާފައިވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން އެގްރީމަންޓްގައި ސޮއިކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަންފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. ލިޔުންތައް ހަވާލުކުރުމަށް ފަށާފައިވަނީ އޮންލައިންކޮށް އެމީހެއްގެ އީމެއިލްއެޑްރެހަށެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭ އުސޫލުގެދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ޑިގްރީ ކޯސްތައް މުޅިން ހިލޭ ކިޔެވޭނެ ފުރުޞަތު އޮތްއިރު އަމިއްލަ ކޮލެޖުތަކުގެ ޑިގްރީ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަންފީވެސް ސަރުކާރުން ދައްކައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކާ މިއަހަރަށް އެކަނިވެސް 156 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން ބޮޑުބައެއް ޚަރަދުކުރެވިގެންދާނީ އަމިއްލަ ކޮލެޖްތަކުގެ ޓިއުޝަން ފީތަކަށް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.