ވިޔަފާރި

ބޭރުގެ އިންވެސްޓަރުންނަށް ހާއްސަ ވީސާ ތަޢާރަފްކޮށްފި


ރާއްޖެއަށް އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދާއިމީކޮށް ރާއްޖޭގައި
ތިބެވޭގޮތަށާއި، އެހެނިހެންވެސް އިނާޔަތްތަކާއި އެކު  ކޯޕަރޭޓް ރެސިޑެންޓް ވިސާ ތައާރަފްކޮށްފިއެވެ.



މިވިސާ ތަޢާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.
ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރާއްޖެއަށް އިންވެސްޓްކުރާ އިންވެސްޓަރުންނަށް ފަސޭހަކޮށްދިނުމާއި
އެފަރާތްތަކަށް އިންވެސްޓް ކުރުމުގައި ހުރި ދަތިތައް ފިލުވައި ދިނުމުގެ
މަގްޞަދުގައި ތައާރަފްކުރި ވިސާއެކެވެ. އެގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ
ދޫކުރެވޭނީ ރާއްޖޭގައި 50 މިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓް ކުރާ
ފަރާތްތަކަށެވެ. އަދި އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް
ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާއަށް ކޮށްފައިވުމާއި، ރާއްޖޭގައި ބޭންކެއްގައި ދެ
އަހަރު ދުވަހުގެ މުއްދަތަކަށް އެއް މިލިއަން ޑޮލަރު ބަހައްޓާ ފަރާތްތަކަށް މިވިސާ
ދޫކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ރެސިޑެންޓް ވިސާ ދޫކުރެވޭ ފަރާތްތަކަށް
ލިބޭ އެންމެ ބޮޑު ފައިދާއަކީ،  އެފަރާތްތަކަށް ދާއިމީކޮށް ރާއްޖޭގައި ތިބެވުމާއި،
އިމިގްރޭޝަން ކިޔޫތަކާއި އެނޫން ވެސް ކިޔޫތަކުގައި ގިނަ އިރު ތިބެން ނުޖެހުމާއި، ޑިއުޓީ މާފްކޮށް ބައެއް ތަކެތި ގެނައުމުގެ ފުރުސަތު
ލިބިގެންދާނެއެވެ. އަދިއެނޫންވެސް ޚިދުމަތްތައް ފަސޭހައިން ލިބި، އިންވެސްޓްމަންޓްތަކަށް ސަލާމަތާއި ރައްކާތެރިކަމުގެ
ޔަގީންކަން ލިބިގެންދާނެއެވެ.



މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އަދި
އިކޮނޮމިކް ކައުންސިލްގެ ކޯޗެއަރ އަޙްމަދު އަދީބް ދެއްކެވި ވާހަކަފުޅުގައި،  ރާއްޖޭގައި
އިންވެސްޓަރުންގެ އަގު ވަޒަންކޮށް އިންވެސްޓަރުންނަށް ކަމޭ ހިތުމުގައި އަޅާ އެންމެ
ބޮޑު ފިޔަވަޅު މިއެޅީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ވިދާޅުވިއެވެ.



މިސްކީމްގެ މަސައްކަތަކީ ރައީސްޔާމީންގެ ފުރަތަމަ އަހަރުން
ފެށިގެން އިގްތިޞާދީ ކޮމެޓީއާހަވާލުވެފައި އޮތްމަސައްކަތެއްކަން ފާހަގަކުރައްވާ
މިނިސްޓަރ އަދީބް ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށާއި
ކުރިޔަށް އޮތްތާނގައި އިންވެސްޓް ކުރާ ފަރާތްތަކަށް އިސްކަންދީ އެ ފަރާތްތަކުގެ
އިންވެސްޓްމެންޓްތައް ބަލައިގަނެ އަގުވަޒަން ކުރަންޖެހޭކަމަށެވެ.



މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު
ސައީދު ދެއްކެވި ވާހަކަފުޅުގައި، ލަގްޒަރީ އުޅަނދު ފަހަރު ރާއްޖޭގައި ރަޖިސްޓްރީ
ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި  ރާއްޖެއަކީ މި
ސަރަހައްދުގައި އޮތް ވިޔަފާރިކުރަން އެންމެ ފަހި،  ފަސޭހަ ގައުމަށް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިގްތިޞާދީ އެޖެންޑާއަކީ ގައުމުގެ ހާލަތު ބަދަލު ކުރުވާނެ
އެޖެންޑާ އެއްކަމަށާއި، މިސިޔާސަތުތައް ކަނޑައެޅުމާއި ގުޅިގެން ގައުމުގެ ޚަރަދުތައް
ކުޑަވެގެން ދާނެކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އެގޮތުން  ބައިނަލްއަގުވާމީ މާލީ އިދާރާއާއި، އެހެނިހެންވެސް
ޖަމްޢިއްޔާ ތަކުން މި ސިޔާސަތުތައް ބަލައިގެންފައިވާކަމަށް އިކޮނޮމިކް މިނިސްޓާރ
ސައީދު ވިދާޅުވިއެވެ.



 ކޯޕަރޭޓް ރެސިޑެންޓް
ވިސާ ތައާރަފްކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި
ރައީސް ޔާމީންވަނީ އެވިސާ ލިބޭ ފަސް ކުންފުންޏަކަށް އެކަމުގެ ލިޔުން
ހަވާލުކޮށްދެއްވާފައެވެ.