ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދުމުން ބަންދުގެ މުއްދަތު އިތުރުކޮށް ނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލަން އުޅުނު މައްސަލާގައި ކްރިމިނަލް ކޯޓުން އަދީބަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ޙުކުމް ބާތިލްކޮށް އެމައްސަލަ ދަށު ކޯޓުގައި އަލުން ބެލުމަށް ހައިކޯޓުންވަނީ އަމުރުކޮށްފައެވެ. އަދި އެމައްސަލަ ބެލުމަށް އަދީބު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ހައިކޯޓުންވަނީ މުއްދަތުދީ އެމުއްދަތު އިތުރުކުރަން ބޭނުންވާނަމަ ދަށު ކޮޓުގައި އެދެވިދާނެކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލްކޯޓަށް ދައުލަތުން ހުށައެޅުމުން އެކޯޓުން މިވަނީ މުއްދަތު އިތުރު ނުކޮށްދޭން ނިންމާފައެވެ.
ޚިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 8 އަހަރުގެ ޖަލު ހުކުމާއި ޓެރަރިޒަމްގެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފއިވާ 15 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަތައް އަލުން ބެލުމަށް ކްރިމިނަލްކޯޓަށް ހައިކޯޓުން އަމުރުކޮށްފައިވީނަމަވެސް، މި ދެމައްސަލަވެސް ހިމެނޭހެން ހައިކޯޓުން އަލުން ބެލުމަށް އަމުރުކޮށްފައިވާ ޖުމްލަ 15 މައްސަލައެއް ނުބެލުމަށް ނިންމައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުންނިންމައި އެމައްސަލަތައް އަލުން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.
މިއާއެކު ޅ.މާބިންހުރާގެ ހިޔާނާތުގައި މައްސަލަގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުން ބާތިލު ކުރި މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅުމަށް ޕްރޮސެކިއުޓާރ ޖެނެރަލް ވަނީ ނިންމާފައެވެ.