ސިޔާސީ

ބޭރުގެ އިންވެސްޓަރުންނާ މެދު ދެކޭގޮތް ބަދަލުކުރަންޖެހޭ - ރައީސް


ބޭރުގެ އިންވެސްޓަރުންނާއި މެދު ދެކޭގޮތް ބަދަލުކުރަންޖެހޭކަމަށާއި، އެފަރާތްތައް ރާއްޖެ އައިސްގެންނޫނީ ރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކްފާނު މިހެން ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންނަށް ޚާއްސަ ކޯޕަރޭޓް ރެސިޑެންޓް ވިސާ ތައާރަފްކުރުމަށް އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ކޯޕަރޭޓް ރެސިޑެންސް ވިސާ ތައާރަފްކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ފޮރިން އިންވެސްޓްމަންޓް ނުވަތަ ބިދޭސީ ވިޔަފާރިއާއި ނުލައި ކުރިއަށް ނުދެވޭނެކަން ވިޔަފާރީގައި ފުންނާބު އުސް ހުރިހާ ފަރާތްތަކުން ގަބޫލުކުރާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގައި ބިދޭސީ އިންވެސްޓަރުންގެ ހިއްސާ ބޮޑުކަމަށާއި، އެގޮތުން ޓުއަރިޒަމް ދާއިރާއެންމެ ބޮޑަށް ފުޅާވެގެން ކުރިއަރައި ދިޔައީ ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ދާއިރާއަށް ބޭރުގެ ކުންފުނިތަކުން އިންވެސްޓް ކުރުމުން ކަމަށް. އަދި ޓުއަރިޒަމްގެ ދާއިރާއަށް ވެސް ގިނައިން އިންވެސްޓް ކުރީ ބޭރުގެ ފަރާތްތައް ކަމަށާއި، އެފަދަ އިންވެސްޓަރުންގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދު ފުޅާކުރެވޭނެ މައިނާރެހަކީ އިންވެސްޓަރުންކަމަށާއި، އެފަރާތްތަކަށް މިގައުމުން ލިބެން ހުރި ފަސޭހަތައް ވީހާ ވެސް ބޮޑަށް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން އަންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބިދޭސީ އިންވެސްޓްމަންޓާއި ގުޅޭގޮތުން ރާއްޖޭގައި އޮތީ ރަނގަޅު މާޒީއެއް ނޫންކަމަށެވެ. ކުރީގައި ފޮރިން އިސްވެންޓާމެދު ދެކެވެމުން އައީ ޝައްކުގެ ނަޒަރަކުން ނަމަވެސް މިހާރު ފޮރިން އިސްވެންޓްމެންޓަށް މަރުހަބާ ނުކިޔާ ގައުމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ތަރައްގީގެ ދުވެލީގައި ސަރުކާރުން އަމާޒު ހިފާފައިވާ މިސްރާބަށް ރާއްޖެ ގެންދެވޭނީ ފޮރިން އިންވެސްޓަރުންނަށް މަރުހަބާ ކިޔައި، ރާއްޖޭގައި އިންވެސްޓްކުރުމުގެ ޖާގަދީގެން ކަމަށެވެ.ބޭރުގެ އިންވެސްޓަރުންނަށް ކޯޕަރޭޓް ވިސާ ތައާރަފް ކުރި ނަމަވެސް، ދިވެހިންގެ ތެރޭގައި ތިބި ބޮޑެތި އިންވެސްޓަރުންނަށް ވެސް އެފަދަ ވިސާއެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި  ދައުލަތުގައި ހުރި ވަސީލަތްތަކުން އެކަނި ރާއްޖެ އަށް އިންގިލާބީ ބަދަލުތަކެއް ނުގެނެވޭނެކަމަށާއި، ނަމަވެސް ރާއްޖެ މިހާރު ކުރިއަށް ދަނީ އިގްތިސާދީ ބޮޑެތި އިންގިލާބުތަކަކާ ދިމާލަށް ކަމަށް ވިދާޅުވިއެވެ. އެފަދަ ބަދަލު ގެނެވޭނީ ބޭރުގެ އިންވެސްޓަރުން ގެނެސްގެން ކަމަށްވެސް ވިދާޅުވި. ރައީސް ޔާމީން ވަނީ އަލަށް ތައާރަފްކުރެވުނު ވިސާއިން އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.ރާއްޖެއަކީ ފޮރިން އިންވެސްޓަރުންނަށް އެންމެ ކުޑަ ޓެކްސެއް ނަގަމުންދާ ގައުމެއް ކަމަށާއި އަބަދުވެސް ފޮރިން އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ކަމަށް އެމަނިކްފާނު ވިދާޅުވިއެވެ. އެގޮތުން އިންވެސްޓްކުރާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަން ރައިސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.