ވިޔަފާރި

ލިކަމެކުން ހުޅުމާލޭގައި ނައިޓްމާކެޓެއް ބާއްވަނީ


އޮގަސްޓްމަހު ހުޅުމާލޭގައި ނައިޓްމާކެޓެއް ބޭއްވުމުގެ މަސައްކަތް ލިކަމެކްއިން ފަށައިފިއެވެ.

މި މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނި އަންނަ އޮގަސްޓު މަހުގެ 29 އިން ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދުގައިކަމަށް ލިކަމެކްއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ލިކަމެކްގެ ސީއީއޯ ހަސަން ލަބީ ވިދާޅުވީ، ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ ލިކަމެކް ނައިޓްމާކެޓަކީ އެކުންފުނިން ކުރިއަށްގެންދާ ސިލްސިލާ ނައިޓް މާކެޓްތަކުގެ ތެރެއިން ބެއްވުމަށް ހަމަޖެހިފައިވާ މާކެޓެއްކަމަށެވެ. މި މާކެޓުގެ އެންމެ ޚާއްސަކަމަކީ ރަށްރަށުގެ ރައްޔިތުން ހުޅުމާލެ އައިސް މުދާ ގަނެލެވޭނޭ އިންތިޒާމެއް ހަމަޖެއްސުމެވެ. އެގޮތުން ރަށުން ލޯންޗުގައި ހުޅުމާލެ އައިސް މުދާ ގަނެގެން އެނބުރި ރަށަށް ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށް ލަބީ ވިދާޅުވިއެވެ.

އަންނަ އޮގަސްޓުމަހު ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ މި މާކެޓުގައި ޖުމްލަ 450 ސްޓޯލް ހުންނާނެކަމަށް ލިކަމެކުން ބުނެއެވެ. ސްޓޯލްއެއް ވިއްކުމަށް ނިންމާފައިވަނީ ހަ ހާސް ރުފިޔާއަށެވެ.

ލަބީ ވިދާޅުވީ ނައިޓްމާކެޓުން ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން ސްޓޯލް ގަންނަ ފަރާތްތަކަށް ވެސް އެކުންފުނިން ޚާއްސަ ޚިދުމަތްތަކެއް ދޭނޭކަމަށެވެ. އެގޮތުން މާލެއިން ހުޅުމާލެއަށް ހިލޭ މުދާ ގެންދެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި ކޮންމެ ދުވަހަކު މުދާ އުފުލާ ދޯންޏެއް މާލެއިން ހުޅުމާލެއަށް ދަތުރުކުރާގޮތަށް ހަމަޖައްސާނެކަމަށް ލަބީ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ހުޅުމާލެއަށް މުދާ ގަތުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ ހެލްމެޓް ސްޓޭންޑަކާއި ހުޅުމާލެއިން ގަންނަ މުދާ މާލެއިން ލިބޭނެ ޚާއްސަ ކައުންޓަރުތަކެއް ވެސް ހަމަޖައްސާނެކަމަށް ލަބީ ފާހަގަކުރެއްވިއެވެ.

ލިކަމެކުން ބުނީ ނައިޓްމާކެޓްގެ ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ޝީ ބިލްޑިންގ އަދި ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ.

ލިކަމެކްއިން ކުރިއަށްގެންދާ ސިލްސިލާ ނައިޓްމާކެޓްގެ ތެރެއިން އެކުންފުނިން ދަނީ އަތޮޅުތަކުގައި ވެސް ނައިޓް މާކެޓް ބޭއްވުމަށް ވިސްނަމުންނެވެ. އެގޮތުން ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ވަރަށް ކައިރި މުސްތަޤްބަލެއްގައި ނައިޓްމާކެޓް ބާއްވާނެކަމަށް ލިކަމެކްއިން ބުނެއެވެ.