ޚަބަރު

ފައިނަލުގެ ފަހު ޖާގަ ފްރެންޑްސް ކްލަބް ކަށަވަރުކޮށްފި


ޔަންގްވަންސް ބަލިކޮށް ގޯދިއްޔާ ފުޓްސަލް ކަޕްގެ ފައިނަލުން ފްރެންޑްސް ކްލަބް ޖާގަ ހޯދައިފިއެވެ. ފްރެންޑްސް ކްލަބް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ޔަންގްވަސް ފަސް ލަނޑުގެ ތަފާތަކުން ބަލިކޮށްގެންނެވެ. ފްރެންޑްސް ކްލަބް މެޗުން މޮޅުވީ 6 - 1 ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްރެންޑްސް ކްލަބަށް 2 ލަނޑު ޖަހާދިން އިބްރާހީމް ފުރުގާނެވެ. ފްރެންޑްސް ކުލަބުގެ ބާކީ ލަނޑުތައް ޖަހައިފައިވަނީ މުޙައްމަދު ރިފްއަތާއި، ޙުސައިން ޝަރީފާއި، މުޙައްމަދު ޢިމްރާނާއި، އަޔާޒު އަޙުމަދެވެ. ޔަންގްވަންސްގެ ލަނޑު ޖަހައިދީފައިވަނީ އެ ޓީމުގެ ޢަލީ ހައިސަމް އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖޫން ތިންވަނަ ދުވަހުގެރޭގައެވެ. ފައިނަލް މެޗުގެ ރަސްމިއްޔާތު ފެށޭނީ އެރޭ 9:30 ގައެވެ.