ވިޔަފާރި

ވިޔަފާރީގެ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށްވެސް ނުރައްކާ


އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ނުރައްކަލެއް އެބައޮތްކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފްއިން ބުނެފިއެވެ.

އައި.އެމް.އެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓީން ލަގާޑް ވިދާޅުވީ އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަން ޙައްލު ކުރަންޖެހޭކަމަށެވެ. އެހެން ނޫންނަމަ އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށް ލަގާޑް ވިދާޅުވިއެވެ. އަދި މައްސަލަ ހައްލުނުވެ ދިގު ދެމިގެންދާނަމަ އެކަމުގެ ގެއްލުން ދަނީ ދުވަހެއް ދުވަހެއް ބޮޑުވަމުންކަމަށްވެސް ލަގާޑް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދި، ވިޔަފާރީގެ ހަނގުރާމަތައް ކުރިއަށްދާއިރު، އައި.އެމް.އެފްއިން ވަނީ މިއަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ކުރިން ލަފާކުރި މިންވަރު ދަށްކޮށްފައެވެ. މިގޮތުން އައި.އެމް.އެފްއިން ކުރިން ލަފާކޮށްފައިވަނީ މިއަހަރު ދުނިޔޭގެ އިޤްތިޞާދު 3.5 އިންސައްތަ ކުރިއަރާނެކަމަށެވެ. ނަމަވެސް އައި.އެމް.އެފްއިން ވަނީ އެއަދަދު 3.3 އިންސައްތައަށް ދަށްކޮށްފައެވެ.