ވިޔަފާރި

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިމަހަށް ހަމަވާނެ


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނޭކަމަށް މައުރަޒު އިންތިޒާމްކުރާ އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފޯމު ބަލައިގަންނަން ފަށާފައިވަނީ އޭޕްރީލް 21 ވަނަ ދުވަހުން ފެށިގެންނެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް ގިނަ ބަޔަކު ފޯމު ހުށައަޅާފައިވާކަމަށެވެ. އަދި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރެގެން ގިނަބަޔަކު މައުލޫމާތު ސާފުކުރަންވެސް އެ މިނިސްޓްރީއަށް އަންނަކަމަށެވެ.

މައުރަޒުގައި ޖުމްލަ 6 ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ދާއިރާތަކުގެ ތެރޭގައި ވަކިވަކި ފަރުދުންގެ ދާއިރާއާއި، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި، ވިޔަފާރިތަކުގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ތަޢުލީމު ދޭ މަރުކަޒުތަކުގެ ދާއިރާއާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގެ އިތުރުން ކްލަބު ޖަމިއްޔާތަކުގެ ދާއިރާއިން ބައިވެރިވުމުގެ ފުރުސަތު ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުންކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދީ، ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު ބޮޑުތަކުރުފާނު މަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އިމާރާތުންނާއި، ރަށްރަށުގައި ހުންނަ ބިޒްނަސް ސެންޓަރުތަކުން ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މި މައުރަޒު އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.