ގާނޫނީ ވަކީލުންގެ ހުއްދަ ދިނުމާ ވަކީލުންނާ ގުޅޭ ކަންކަން ބެލެހެއްޓުމަށް އުފައްދާ ބާ ކައުންސިލް އުފެއްދުމަށް ބޭނުންވާ ލީގަލް ޕްރޮފެޝަންގެ ބިލް އަންނަ ހޯމަދުވަހު މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މި ބިލު ނިމިދިޔަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާފައިވެއެވެ. މި ބިލް މިދިޔަ މަޖިލީހަށް ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. އެ ބިލަށް މަޖިލީހުގެ މިނިވަން މުވައްސާތަކުގެ ކޮމެޓީން ބަދަލުތައް ގެނެސް ވޯޓަށް އަހަންވެސް ތާވަލުކުރިއެވެ. އެހެންނަމަވެސް 35 މެމްބަރުންގެ ވޯޓުން ފާސްކޮށްގެން އެ ބިލް ވަނީ އަނބުރާ ކޮމެޓީއަށް ފޮނުވާލާފައެވެ.
މި ބިލް އަންނަ ހޯމަދުވަހުގެ މަޖިލީހަށް އެޖެންޑާކުރުމުން އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެ ދައުލަތުގެ ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ 18 މަޖިލީހުގައި މި ބިލް ފާސްކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިކުރި ނަމަވެސް މި ފަހަރު ބިލް ފާސްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މި ބިލްގެ ސަބަބުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބާ ކައުންސިލެއް އުފެއްދި ޤާނޫނޫ ދާއިރާގައި މަސައްކަތްކުރާ ފަރާތައް ޖަވާބުދަރީ ކުރެވޭނެކަމަށްވެސް ރިއްފަތު ވިދާޅުވިއެވެ.
ލީގަލް ޕްރޮފެޝަންގެ ބިލްގައިވާ ގޮތުން އެ ބިލް ގާނޫނަކަށް ބަދަލުވެ އުފެދޭ ބާ ކައުންސިލް ވެގެންދާނީ މިނިވަން މުސްތަޤިއްލު މުވައްސަސާއަކަށެވެ. އެ ކައުންސިލްގެ ހިންގާ ކޮމެޓީ އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. އަދި އެ ކޮމެޓީއަށް މެމްބަރުން އައްޔަންކުރާނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންކަމަށްވެސް އެ ބިލްގައިވެއެވެ.
މި ބިލުން ބާ ކައުންސިލަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލުކަރަން ޖެހިއްޖެ ހާލަތެއްގައި ހުއްދަ ބާތިލުކުރުމާއި ޤާނޫނުތަކާއި ހިލާފުވާ ވަކީލުންނަށް ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.