އަތޮޅުތެރޭގެ ރަށެއްގައި އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއި އެކުގައިކޮށް ނިންމާލައިފިއެވެ. ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކުރި މި އޮޕަރޭޝަނަކީ މާލެއިން ބޭރުން، ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް ކުރި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.
އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް)އަކީ މީގެކުރިންވެސް ކަށީގެ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށްފައިވާ ހޮސްޕިޓަލެކެވެ. އަތޮޅު ތެރޭގައި ފުރަތަމަ ފަހަރަށް ކުރެވުނު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންވެސް ކޮށްފައިވަނީ މި ހޮސްޕިޓަލުގައެވެ. އެ އޮޕަރޭޝަން ކުރެވިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ އޮަޕަރޭޝަންވެސް ކޮށްފައިވަނީ އިއްޔެ އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްފައިވާ ޑރ. ޢަލީ މުޒުނީއެވެ.
މި އޮޕަރޭޝަންގެ އިތުރުންވެސް މިދިޔަ ބުރާސްފަތި ދުވަހަކީވެސް އެޗްއާރްއެޗަށް ވަރަށް ތާރީޚީ ދުވަހެކެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ދެ މީހެއްގެ ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ވަނީ ކާމިޔާބުކަމާއި އެކުގައި ކޮށްފައެވެ. އަދި އިއްޔެވެސް ވަނީ އެކެއްގެ ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްފައެވެ. އެޗްއާރްއެޗުން މަޢުލޫމާތު ދެއްވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިތުރު ދެ މީހެއްގެ ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.
އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ކުރި އުކުޅުވަޅު ހުޅު ބަދަލުކުރި އޮޕަރޭޝަން ކޮށްފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެކެވެ. އުމުރުން 51 އަހަރުގެ މި ފިރިހެން މީހާއަކީ މީގެ ފަސްއަހަރު ކުރިން މަތިން ވެއްޓި އުކުޅުވަޅަށް ގެއްލުންތަކެއް ލިބި އެކަން ރަނގަޅު ކުރުމަށް އޮޕަރޭޝަނެއްވެސް ކޮށްފައިވާ މީހެކެވެ. ނަމަވެސް އެ އޮޕަރޭޝަން ކޮށްގެންވެސް އޭނާގެ އުކުޅުވަޅު ހުޅު ރަނގަޅުވެފައެއްނުވެއެވެ. އެޗްއާރްއެޗުގައި މި މީހާގެ އުކުޅުވަޅު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކޮށްފައި މިވަނީ ކުރިން ކޮށްފައިވާ އޮޕަރޭޝަނަށް ތިން އަހަރުވެފައިވީ ފަހުންނެވެ.
މި އޮޕަރޭޝަން ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ޑރ. މުޒްނީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވިގެން ދިޔައީ ވަރަށް ގިނަ އޮޕަރޭޝަންތަކެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުގައިވެސް ކުރު މުއްދަތެއްގައި ނުކުރާ ވަރުގެ އޮޕަރޭޝަންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. މުޒްނީ ވިދާޅުވީ އައްޑޫ ސިޓީގެ އެޗްއާރްއެޗުން ފެށި ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އިތުރު ދެ ރަށެއްގައިވެސް ކޮށްފައިވާ ކަމަށެވެ. އެއީ ގދ. ތިނަދޫއާ ހދ. ކުޅުދުއްފުއްޓެވެ. މި ތަންތަނުގައި ކުރި ހުރިހާ އޮޕަރޭޝަންތަކެއްވެސް ވަރަށް ކާމިޔާބު ކަމަށް ޑރ. މުޒުނީ ވިދާޅުވިއެވެ.
"ވަރަށް ބައިވަރު ޕޭޝަންޓުން އެބަތިބި ކުރަން ބޭނުންވެފައި ރަށްރަށުގައި އޮޕަރޭޝަން ކުރަން ބޭނުންވެފައި ތިބި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން މިކަން މިކުރަނީ ވަރަށް ދަތިތަކާއި އެކުވެސްމެ. އަޅުގަނޑުމެންގެ ޕްލާންޓްސްތައް ލައްވާ ހުޅުތައް ގެންނަ ބޭފުޅުންގެ އެހީތެރިކަމާއި އެއްކޮށް، ހުރިހާ އެއްޗެއް ގެނެސްގެން ވަރަށް އިންތިޒާމް ކޮށްެގެން ވަރަށް ބައިވަރު ކަންކަން ފުރިހަމަ ވެގެން ކުރެވޭ އޮޕަރޭޝަންތަކެއް މިއީ،" ޑރ. މުޒްނީ ވިދާޅުވިއެވެ.
އައިޖީއެމްއެޗުގައިވެސް މިފަދަ އޮޕަރޭޝަންތައް އެންމެ ގިނައިން ކޮށް އުޅުއްވާ ޑރ. މުޒްނީ ވިދާޅުވީ އަތޮޅު ތެރޭގައި މިފަދަ އޮޕަރޭޝަންތައް ހުއްޓާ ނުލައި ކުރިއަށް ގެންދަން މަޖުބޫރު ވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އައިޖީއެމްއެޗުގައި މިފަދަ އޮޕަރޭޝަންތައް ކުރުމަށް ގިނަ މީހުން ތިބުމުން ވަރަށް ދިގު ވެއިޓިން ލިސްޓެއް އޮންނަ ކަމަށެވެ. އެ ވެއިޓިން ލިސްޓަކީ ދެއަހަރު ދުވަހުގެ ވެއިޓިން ލިސްޓެއް ކަމަށް ޑރ.މުޒްނީ ވިދާޅުވިއެވެ.
"އެހެންވީމަ ރައްޔިތުންނަށްޓަކައި މިކަން ކޮށްދެވޭނެ ހަމައެކަނި ގޮތަކީ އަތޮޅު ތެރޭގައި މިކަން ކޮށްގެން. އެހެންވީމަ ޚިދުމަތެއްގެ ގޮތުގައި ވަރަށް ބޮޑަށް މިކަމަށް ބޭނުންވެފައި ތިބި މީހުން ރޯލަ ރޯލާ ނުހިނގިފައި ތިބި މީހުން ވަރަށް ބައިވަރު އެބަތިބި. އެހެންވީމަ މިކަން ކުރެވޭނެ ގޮތަކީ މިއީ ކަމަށްވީމަ މިކަން ކުރަނީ އަޅުގަނޑުމެން ކަމަށްވީމާ އަޅުގަނޑުމެން މިތިބީ މިކަން ހުއްޓާނުލައި ކުރިއަށް ގެންދަން،" ޑރ. މުޒްނީ ވިދާޅުވިއެވެ.
މިފަދަ އޮޕަރޭޝަންތައް ކުރަމުން ގެންދަނީ ޑރ. މުޒްނީއާ އަދި އެބޭފުޅާގެ ޓީމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނާއި އެކުގައެވެ. އަދި މި އޮޕަރޭޝަންތައް އަތޮޅު ތެރޭގައި ކުރުމުގައި ސަރުކާރާއި އަމިއްލަ ބައެއް ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަކަން ޑރ. މުޒްނީ ފާހަގަކުރެއްވިއެވެ. ނަމަވެސް ވިދާޅުވީ މިފަދަ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ސަރުކާރުތަކުން އެއްބާރުލުން ދެއްވާނަމަ މިކަން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް ޙައްްލެއް ލިބިގެންދާނެ ކަމަށެވެ.
އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ކަމާއި އެކުގައި ނިންމާލުމާއި ގުޅިގެން އެޗްއާރްއެޗުން ވިދާޅުވީ އެ ހޮސްޕިޓަލުން ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތާރީޚުގެ ތެރެއަށް އެ ހޮސްޕިޓަލު ވަދެގެން ދިއުމަކީ ހޮސްޕިޓަލަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް އެޗްއާރްއެޗުން ވިދާޅުވެއެވެ. ނަމަވެސް ވިދާޅުވީ އެފަދަ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތީގެ ދަތިކަމާއި އެކު އެ މަސައްކަތް ކުރަނީ ވަރަށް ބޮޑު ޗެލެންޖަކާއި އެކުގައި ކަމަށެވެ.