ވިޔަފާރި

އިންޑިއާގެ އިޤްތިޞާދީ ދުވެލި ޗައިނާއަށްވުރެ ދަށަށް!


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދީ ކުރިއެރުން ޗައިނާއަށްވުރެ ދަށްކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހުން މާޗުމަހުގެ ނިޔަލަށް ނުވަތަ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދު ކުރިއަރާފައިވަނީ 5.8 އިންސައްތައެވެ. މިމުއްދަތުގައި ޗައިނާގެ އިޤްތިޞާދު ވަނީ 6.4 އިންސައްތަ ކުރިއަރާފައެވެ.

މިއީ މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ އިޤްތިޞާދީ ކުރިއެރުން ދަށަށް ނުދާ މިންވަރެކެވެ. އިޤްތިޞާދީ ތަޖުރީބާކާރުން ކުރިން ލަފާކުރީ އިންޑިއާގެ އިޤްތިޞާދު 6.3 އިންސައްތަ ކުރިއަރާނެކަމަށެވެ.

އިންޑިއާގެ އިސް އޮފިޝަލަކު ވިދާޅުވީ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދީ ދުވެލި މަޑުޖެހުނު ނަމަވެސް، ޖުލައިމަހާއި ސެޕްޓެމްބަރުމަހުގެ ތެރޭގައި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އޮފިޝަލު ވިދާޅުވީ ފުރަތަމަ ކުއާޓަރުގައި އިޤްތިޞާދީ ދުވެލި ދަށްވީ ކޮންޒަޕްޝަން ޑިމާންޑް ދަށްވުމުންކަމަށެވެ.

އިންޑިއާގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމުން، ދުނިޔޭގައި މިހާރު އެންމެ ބާރަށް ކުރިއަރަމުންނަ އަންނަ އިޤްތިޞާދުގެ ލަޤަބުވަނީ އިންޑިއާ އަތުން ބީވެ، ޗައިނާއަށް ލިބިފައެވެ.