ވިޔަފާރި

އިނގިރޭސިވިލާތުގައި 5ޖީ ތަޢާރަފްކޮށް، ޚިދުމަތްދޭން ފަށައިފި


އިނގިރޭސިވިލާތުގެ ފުރަތަމަ ފައިވް-ޖީ ނެޓްވޯކް ލޯންޗުކޮށް، ޚިދުމަތްދޭން ފަށައިފިއެވެ.

ފައިވް-ޖީގެ ޚިދުމަތް އިނގިރޭސިވިލާތުގައި ތަޢާރަފްކޮށްފައިވަނީ އެޤައުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ އީ.އީ ލިމިޓެޑުންނެވެ.

ފައިވް ޖީ ނެޓްވޯކާއެކީ މިހާރު އިނގިރޭސިވިލާތުގައި ބޭނުންކުރާ ފޯރޖީ އެލް.ޓީ.އީ ނެޓްވޯކުގައި ބޭނުންކުރާ އިންޓަނެޓްގެ ސްޕީޑް 100 ގުނަ އަވަސްވާނެއެވެ. އެކަމަށްޓަކައި ފައިވް ޖީ ނެޓްވޯކުގައި ބޭނުންކުރެވޭ ފައިވް ޖީ ފޯނެއްވެސް ބޭނުންވާނެއެވެ.

އިނގިރޭސިވިލާތުގައި ފައިވް ޖީ ނެޓްވޯކްގެ ޚިދުމަތް ފުރަތަމަ ލިބެނީ ބެލްފާސްޓް، ބަރމިންގހަމް، ކާޑިފް. އެޑިންބަރ، ލަންޑަން އަދި މެންޗަސްޓަރގެ ވަކި ސަރަޙައްދުތަކަކަށެވެ. އީ.އީ ލިމިޓެޑުން ބުނީ 2020 ވަނަ އަހަރު ނިމެންވާއިރަށް އިނގިރޭސިވިލާތުގެ އިތުރު 20 ސަރަޙައްދެއްގައި ފައިވް ޖީ ނެޓްވޯކް ލޯންޗުކުރާނެކަމަށެވެ.

އީ.އީ ލިމިޓެޑުން އިނގިރޭސިވިލާތުގައި ފައިވް ޖީގެ ޚިދުމަތްދޭން ފަށާފައިވާއިރު، އެކުންފުންޏާ ވާދަވެރި ވޮޑަފޯނުންވެސް ދަނީ ކުރިއަށްއޮތް ހަފްތާތަކުގެ ތެރޭގައި ފައިވް ޖީގެ ޚިދުމަތްދިނުމަށް ތައްޔާރުވަމުންނެވެ.

ފައިވް ޖީ ޓެކްނޮލޮޖީއާއެކު އައިޓީސީގެ ސިނަޢާތަށް އިންޤިލާބެއް ގެނުވާނެކަމަށް ތަޖުރިބަކާރުން ދެކޭއިރު، އެންމެ އާދައިގެ މީހާއަށްވެސް ފައިވް ޖީގެ ސަބަބުން އެތަކެއް ފައިދާތަކަކާއި ފަސޭޙަތަކެއް ލިބިގެންދާނެއެވެ.

ފައިވް ޖީގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ މިދިޔަ އޭޕްރީލްމަހު އެމެރިކާއާއި ދެކުނު ކޮރެޔާއެވެ. މިޚިދުމަތް ކޮންމެ ބަޔަކުވެސް ފުރަތަމަ ފޯރުކޮށްދެނީ ކަނޑައެޅިފައިވާ ވަކިވަކި ސަރަޙައްދުތަކަކަށެވެ. އެއީ ފޯރޖީ އިން ފައިވް ޖީއަށް ބަދަލުކުރުމަށް އިންފްރާސްޓްރަކްޗަރގެ ގޮތުން އެތައް ބިލިއަން ޑޮލަރެއްގެ މަސައްކަތްތަކެއް ކުރަންޖެހޭތީއެވެ.