ވިޔަފާރި

ޢީދު ގާތްވުމުން ފިހާރަތަކަށް ބާރުބޮޑުވެއްޖެ!


ޒަމާނުއްސުރެ ދިވެހިންނަށް އީދު ދުވަސް ހާއްސަ އެވެ. އެ ދުވަހާ ގުޅިފައިވާ އެތައް ސަގާފަތްތަކެއް ނުއުވި ދިވެހިންގެ ތެރޭގައި ހަމަ އެގޮތުގައި އެބަ އޮތެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އީދަށް އައު ހެދުން ފަހައި ނަލަހެދުމެވެ.

އީޑު ދުވަހަކީ އެއްގޮތަށްވުރެ ގިނަ ގޮތުން އަޅުގަނޑުމެންނަށް ޙާއްސަ ދުވަހެކެވެ. އީދު ހެދުމާއި، އީދު ނަމާދާއި، އީދު ދުވަހަށް ޙާއްސަކޮށްގެން ތައްޔާރުކުރާ ކެއުމަކީވެސް ދުވަހާއި ގުޅިފައިވާ ޙާއްސަ ކަންތައްތަކެވެ.

އީދު ދުވަހެއް ބޯމަތިވަމުން އަންނައިރު ލިސްޓްގެ އެންމެ ކުރީގައި އޮންނާނީ އީދު ނަމާދަށް ހާއްސަކޮށްގެން މުޅިން އާ ހެދުމެއް ހޯދުމުގެ މަސައްކަތެވެ. އީދު ދުވަސް ގާތްވި ވަރަކަށް ހެދުން ވިއްކާ ފިހާރަތަކަށް އޮންނަ ޑިމާންޑް ބޮޑެވެ. މަގުތައް އީދުހެދުން ގަންނަ މީހުންނައިގެން ފުރާލައެވެ. އީދު ހެދުން ގަތުމުގައި ވަކި ވަކި އުމުރެއް ނޯވެއެވެ. މިކަމުގައި ވަކި ޖިންސެއްވެސް ނޯވެއެވެ. ކުދި ބޮޑު އެންމެ އީދަށް އާހެދުން ހޯދައެވެ.

އީދާއި ދިމާކޮށް ވިޔަފާރިވެރިންނަށްވެސް އަންނަނީ ބޮޑު އީދެކެވެ. އީދު އައުމުގެ މާކުރިން ވިޔަފާރިވެރިންވެސް އީދަށް ތައްޔާރުވެއެވެ. ރާއްޖެއިން ބޭރުން އީދަށް ހާއްސަކޮށްގެން މުދާ ގެނެސް ފިހާރަ ފުރާލައެވެ. އެއް ވިޔަފާރިވެރިއަކަށްވުރެ އަނެއް ވިޔަފާރިވެރިއަކު ތަފާތު މުދާ ގެނެވޭތޯ މަސައްކަތްކުރެއެވެ. އޭގެ ސަބަބަކީ އީދަށް ދިމާކޮށް ވިޔަފާރި ރަނގަޅުވުމެވެ.

ބައެއް ވިޔަފާރިވެރިން ބުނީ އީދަށް ދިމާކޮށް ވިޔަފާރި ރަނގަޅުވާކަމަށެވެ. އެގޮތުން އީދާއި ދިމާކޮށް ވިޔަފާރި 50 އިންސައްތަ ރަނގަޅުވާކަމަށް ވިޔަފާރިވެރިން ބުނެއެވެ. ހާއްސަކޮށް އެންމެ ފަހުން ގެންނަ ފެޝަންތަކަށް އީދާ ދިމާކޮށް ޑިމާންޑް ވަރަށް ބާރު ބޮޑުވާކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ. އަދި އީދަށް ދިމާކޮށް ރޭގަނޑުގެ ވަގުތުތަކުގައި ވިޔަފާރި ރަނގަޅުވާކަން އެމީހުން ފާހަގަކުރެއެވެ.

އީދު ގާތްވަމުން އަންނައިރު ފިހާރަތައް އޮންނަނީ މުޅިން ތޮއްޖެހި ބާރުވެފަ އެވެ. އީދު ހެދުމާއި ގުޅުންގުރި ތަކެތި ވިއްކާ ފިހާރަތަކުގައި މީހުން ބާރުބޮޑެވެ.

އީދު ވިލޭރޭ ފިހާރަތަކަށް އޮންނަ ޑިމާންޑް ޙާއްސަކޮށް ބޮޑެވެ. އޭގެސަބަބަކީ އެންމެ ފަހު ވަގުތަށް ގިނަފަހަރު މަޑުކުރެވޭތީއެވެ. އެހެންކަމުން ކުރީބައިގައި އީދު ހެދުން ގަތުމަކީ ހުރިހާ ގޮތަކުންވެސް ފަސޭހަވާނެކަމެކެވެ.