ސިޔާސީ

ޝަރުޢީ ދާއިރާ އިޞްލާހުކުރުމަށް ލަފާދެއްވާ ބޭރުގެ ފަނޑިޔާރު ޖޭއެސްސީއާއި ބައްދަލުކޮށްފި


ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލަފާ ދެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ރައީސް މުޙައްމަދު ނަޝިދާ ބައްދަލުކުރައްވާ ޖުޑީޝަލް ސަރވިސް ކޮމިޝަނާ ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައިފިއެވެ.

މި ބައްދަލުވުމުގައި ވަނީ ޖޭއެސްސީ މިހާރު ހިނގަމުންދާގޮތާއި، ޤާނޫނުން އެ ކޮމިޝަނަސް މަތިކޮށްފައިވާ ޒިންމާތަކާއި، ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހާރު ޖޭއެސްސީން ކުރަމުން އަންނަ މަސައްކަތްތައްވެސް އޮޅުންފިލުއްވާފައިވާކަމަށް ޖޭއެސްސީން މަޢުލޫމާތުދެއްވައެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްއާއި، ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތާއި، ޖޭއެސްސީގެ މެންބަރު ލަޠީފާ ޤާސިމާއި، ޖޭއެސްސީގެ މެންބަރު އަދި ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ޖޭއެސްސީއާއި ބައްދަލުކުރައްވައި މަޢޫލޫމާތު އޮޅުންފިލުއްވާފައި މިވަނީ، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ފެށުމުގެ ގޮތުން ޝަރުޢީ ދާއިރާ މިހާރު ބައްޓަންކުރެވިފައިވާ ގޮތާއި އެ ދާއިރާ ހިނގަމުންދާ ގޮތުގެ ދިރާސާއެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމަކަށްވާތީ، އެކަމާގުޅޭ ކޮންސަލްޓެންސީ ސަރުކާރަށް ދިނުމަށްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ.

އެގޮތުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ކުރުމަށް ހަަމަޖެހިފައިވާ މަސައްކަތުގެ ތެރޭގައި، ޝަރުޢީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި އެ ޤާނޫނުތައް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުޢީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖަޢާކުރުން ހިމެނެއެވެ. އަދި ފަނޑިޔާރުން ޢައްޔަންކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖަޢާކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުލޭ ހުށަހެޅުންތައް ނުވަތަ "ރިކޮމެންޑޭޝަންސް" ސަރުކާރަށް ހުށަހެޅުންވެސް ހިމެނެއެވެ.

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތްކުރެއްވުމަށްޓަކައި އެކަމާގުޅޭ ކޮންސަލްޓެންސީ ދިނުމަށް ޖޫން 2 ވަނަ ދުވަހުގެ ނިޔަލަށް ޖަސްޓިސް ޔޮހާން ކްރީގްލަރ ރާއްޖޭގައި މަސައްކަތްކުރައްވާނެކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވޭ.
އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، ޝަރުޢީ ދާއިރާގެ މުއައްސަސާތަކާއި، މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމާޢަތްތަކުގެ އިތުރުން، ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވޭ.

ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ ސައުތު އެފްރިކާގައި ޤާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ފަނޑިޔާރެއް. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށްފަހު ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތްކުރައްވަމުން ގެންދަވަނީ ޝަރުޢީ ދާއިރާގެ ތަމްރީނާއި ތަޢްލީމު ދިނުމުގެ ޤައުމީ އަދި ބައިނަލްއަޤްވާމީ ޕްރޮގްރާމްތަކުގައި.