ޚަބަރު

އައު ސަރުކާރުގެ މަޝްރޫޢުތައް ހިންގާނީ ޕްލޭނެއްގެ ދަށުން!


މި އަހަރު ނިމުމުގެ ކުރިން "ޤައުމީ ތަރައްޤީގެ ޕްލޭން" އެކުލަވާލައި އާއްމުންގެ ޚިޔާލަށް ހުޅުވާލަން މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މިހާރުކުރަމުންދަނީ ޤައުމީ ތަރައްޤީގެ ޕްލޭންގެ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތްކަމަށެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިތާ 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ސަރުކާރުން ތަރައްޤީގެ ބޮޑެތި އާ މަޝްރޫއުތައް ނުފަށާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ފާޑިކިޔަމުންނެވެ. ގިނައިން ފެންނަނީ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމައި ހުޅުވާތަންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ފިނޭންސް މިނިސްޓްރީ ހަފްތާއަކު އަކު އެއްފަހަރު އާއްމުކުރާ ހިސާބުތައް ދައްކާ ގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް މި މަހުގެ ނިޔަލަށް ހަރަދުކޮށްފައިވަނީ 7.1 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި 7 ބިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

ކުރީގެ ސަރުކާރުން ތަރްއޤީގެ އެތައް މަޝްރޫއުތަކެއް ހިންގާފައިވެއެވެ. އެ މަޝްރޫއުތައް ހިންގުމުގައި އެތައް ކޮރަޕްޝަންތަކެއް ހިމެނޭކަމަށް ކުރެވޭ ތުހުމަތުތައް އެހާ ގިނައެވެ. އަދި ޕްލޭނެއްނެތި ކުރިި މަސައްކަތްތަކުން އެ މަސައްކަތެއް އެތައް ފަހަރަކު ކުރަންޖެހުނު ވާހަކަތަކީވެސް އާއްމު ވާހަކަތަކެވެ.

އާ ސަރުކާރުންވަނީ މި ފަސް އަހަރަށް ޢަމާޒުކޮށްގެން ރާއްޖޭގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތައް ކަނޑައެޅުމަށް ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ނުވަތަ "ޤައުމީ ތަރައްޤީގެ ޕްލޭން" އެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ކުރަމުންގެންދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާއި، ރައީސް އޮފީހުގެ އިތުރުން ހުރިހާ ވުޒާރާތައް ގުޅިގެންނެވެ. ޕްލޭނިންގ މިނިސްޓްރީން މިހާރުވަނީ މިކަމާއި ގުޅޭ ދިރާސާތައް ހެދުމުގެ މަސައްކަތް ފަށާފައެވެ.

މި މަސައްކަތުގައި އުޅުއްވާ އޮފިޝަލަކު ވިދާޅުވީ ކުރިން މަޝްރޫއުތައް ހިންގާފައިވަނީ އެއްވެސް ވަރަށްކަށް ޕްލޭންކުރުމެއް ނެތިކަމަށާއި "ޤައުމީ ތަރައްޤީގެ ޕްލޭން" އެކުލަވާލާ ނިމުމުން ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް މިހާރަށްވުރެ އެތައް ގުނައެއް ފަސޭހަވަގެންދާނެކަމަށެވެ. އަދި ކުދި މަޝްރޫތައް ހިންގުމުގެ ބަދަލުގައި މި ޕްލޭންގެ ތެރެއިން ބޮޑެތި މަޝްރޫއުތައް ބަހާލައިގެން ކުރުޔަށް ގެންދެވޭކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭނަކީ ދައުރުގެ ފަސް އަހަރު، އެކި ދާއިރާތަކުން ދިވެހިރާއްޖެ ވާސިލްވުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ރާއްޖެއަށް ގެންނާނެ އުމްރާނި ތަރައްޤީއާއި އިޖްތިމާއީ އަދި އިޤްތިސާދީ ދާއިރާ ތަރައްޤީކުރުމަށް ހަދާ ދުރު ރާސްތާ ޕްލޭނެކެވެ.

މި ޕްލޭންގައި މައިގަނޑު 5 ދާއިރާއެއް ކަނޑައަޅާފައިވެއެވެ. އެއީ އިކޮނޮމިކް ޑިވެލެޕްމަންޓް، ސޯޝަލް ޑިވެލޮޕްމަންޓް، ހައުސިންގ ޖެންޑަރ އެންޑް ކޮމިއުނިޓީ، އިންފްރާސްޓްރަކްޗަރ އެންވަޔަރަމަންޓް އެންޑް ކޮމިއުނިކޭޝަން އަދި ގަވަރނަންސްއެވެ. ޕްލޭން ތައްޔާރުކުރަނީ މި 5 ދާއިރާ އެކި ބައިތަކަށް ބަހާލައިގެންނެވެ.

އެގޮތުން އިޤްތިސާދް ކުރިއެރުވުމަށް ވިޔަފާރީގެ ދާއިރާފުޅާ ކުރެވޭނެ ގޮތްތަކާއި، ސިއްޙީ ނިޒާމާއި، ތަޢުލީމާއި، ބޯހިޔާވަހިކަމާއި، މާލީ ހާލަތު ރަނަަގަޅުކުރުމާއި، ޤާނޫނީ ދާއިރާއާއި، ޤައުމީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކަނޑައަޅާ ޢަމާޒުތައް ހިމެނެއެވެ.

ޕްލޭން އެކުލަވާލުމަށް މިނިސްޓްރީގެ ފަރާތުން މިހާތަަނަށްވަނީ އެކިއެކި މިނިސްޓްރީތަކާއި، ސަރުކާރު މަސައްކަތްތަކާއި ގުޅުންހުރި މުޢައްސަސާތަކާއި، އަމިއްލަ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ޙިޔާލުވެސް ހޯދާފައެވެ. އެގޮތުން އެކި ދާއިރާތައް ރާއްޖޭގައި ކުރިއަރާފައިވާ މިންވަރާއި، ދާއިރާތަކުގައި ހުރި ގޮންޖެހުންތަކާއި، އެ ދާއިރާތައް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތައްވަނީ ދިރާސާކޮށްފައެވެ.

ޕްލޭނިންގ މިނިސްޓްރީއިން ބުނެފައިވަނީ ޤައުމީ ތަރައްޤީގެ ޕްލޭންގެ ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މި މަސައްކަތް ނިމުމުން ފައިނަލް ޕްލޭން އެކުލަވާލާނީ ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

ސަރުކާރުގެ ޢަމާޒަކީ މިއަހަރުގެ ނިޔަލަށް ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއްކޮށް ފުރިހަމަ ކުރުމެވެ.
ޕްލޭންގެ މަސައްކަތް ނިމޭއިރު، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި، މުއްދަތާއި، އަދި މިކަމަށް ޚަރަދު ކުރާނެ ގޮޮތުގެ ތަފްސީލްތައްވެސް ހިމަނާނެއެވެ.