ޚަބަރު

މޫސުން ގޯސް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ނޫނީ ކަނޑު މައްޗަށް ނުނިކުމޭ


މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީ ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރުތަކަށް ނޫނީ ކަނޑު މައްޗަށް ނުނިކުތުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑު ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެއިދާރާއިން ވަނީ މޫސުމަށް ސަމާލުވުމުގެ ގޮތުން މުޅި ރާއްޖެއަށް ވައިޓް އެލަރޓްވެސް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 8 އިން ފެށިގެން މެންދުރު 1 ޖެހުމާއި ހަމައަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށްލަފާ ކުރާގޮތަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވެއެވެ. އަދި އެހެން އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް ރޭ ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ޙާދިސާތައް ހިނގާފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.