ޚަބަރު

ތަރިކައިގެ ދުވަހުގެ ރަސްމީ ޖަލްސާފެންފުށީގައި ބާއްވައިފި


ރާއްޖޭގައި ވަޅުލެވިފައި ހުރި އާސާރީ ތަންތަން ދިރާސާ ކުރުމަށް ބޭރުގެ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އެފަދަ އާސަރުތައް ބެހެއްޓިފައިވަނީ މި ދާއިރާއިން ކިޔަވައިގެން އަންނަ ދިވެހި ދަރިވަރުންނަށް ޓަކައި ކަމަށް  ހެރިޓޭޖް ޑިޕާޓްމަންޓްގެ ވެރިޔަކަށް ހުންނެވި، އެޑިއުކޭޝަން މިނިސްޓަރގެ ނައިބު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.ޔުމްނާ މިހެން ވިދާޅުވީ އިއްޔެ ހަވީރު އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި ބޭއްވުނު ތަރިކައިގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ އަށާރަ ވަނަ ދުވަހަކީ ބައިނަލްގްވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ތަރިކައިގެ ދުވަހެވެ.މިއަހަރުގެ ތަރިކައިގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުނު އދ ފެންފުއްޓަކީ ރާއްޖޭގައި ހުރި އެންމެ އާސާރީ އެއް މިސްކިތް ހުންނަ ރަށްވެސްމެއެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރގެ ނައިބު ޔުމްނާ މައުމޫން ވިދާޅުވީ ތަރިކަތައް ހިމާޔަތްކުރުމުގައި ސަރުކާރަށް ބަރޯސާ ވުމުގެ ބަދަލުގައި އިޖުތިމާއީ އަދި ފަރުދީ ފެންވަރުގައި މަސައްކަތް ކުރުން މުހިންމު ކަމަށާއި، އެކަމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފެންފުށީ ކައުންސިލްގެ ރައީސް ޝާހިދު އަބްދުއްރަހީމް ވިދާޅުވީ ފެންފުށީގައި ހުރި އާސާރުތަކުން ފެންފުއްޓަކީ އަތްތެރި މަސައްކަތްތަކަށް ހުނަރުވެރި ބަޔަކު އުޅެފައިވާ ރަށެއްކަން އެނގޭ ކަމަށެވެ. އަދި އާސާރީ މިސްކިތް ހިމާޔަތް ކުރުމަށް ސަރުކާރުން ކޮށްދެއްވާ މަސައްކަތްތައް ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.ތަރިކައިގައި ދުވަހު ބޭއްވުނު ޖަލްސާގެ ތެރެއިން ވަނީ، ރ އަތޮޅުގައި ހިންގަމުން އަންނަ ލޯމާ މާމިގިލި ރިޒޯޓާއި، ހެރިޓޭޖް ޑިޕާޓްމަންޓާއި ދެމެދު ތަރިކަ ހިމާޔަތް ކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި ހެރިޓޭޖް ޑިޕާޓްމަންޓްގެ ފަރާތުން ވަނީ ފެންފުށީ މިސްކިތުގައި ކުރެވުނު މަރާމާތްތަކުގެ މައްޗަށް ބިނާކޮށް ހުށައެޅުމެއްވެސް ހުށައަޅައިދީފައެބެ.މީގެ އިތުރުން ފެންފުށީ ސްކޫލްގެ ދަރިވަރުން ވަނީ ޖަލްސާގެ އެކި ހިސާބުތަކުން ދުވަހާއި ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ރަށަށް ޒިޔާރާތްކުރި މެހްމާނުންގެ ޝަރަފްގައި ޚާއްސަ ޖާފަތެއްވެސް ބާއްވާފައިވެއެވެ.