ސިޔާސީ

ބަހުސްގެ ވަގުތު އިތުރުކޮށް ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތު


ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބިލްތަކުގެ ބަހުސް ވަގުތު 4 ގަޑިއިރަށް އިތުރުކުރުމަށް މަޖިލީހުގެ ޤަވައިދު އިސްލާހު ކުރާ ކޮމެޓީން ފާސްކޮށްފިއެވެ.

މަޖިލީހަށް ހުށައަޅާ ބިލްތަކަށާއި އިޞްލާޙުތަކަށް ބަހުސް މަރުހަލާގައި މިހާތަނަށް ދެމުން އައިސްފައިވަނީ ތިން ގަޑިއިރުއެވެ. އަދި މެންބަރުންނަށް ވާހަކަ ދެއްކުމަށް ފުރުޞަތު ދެމުން އައިސްފައިވަނީ ޕާޓީތަކަށް މެންބަރުން ބެހިފައިވާގޮތަށް ބެލުމަށްފަހުއެވެ.

އެގޮތުން މެންބަރުން ގިނަ ޕާޓީތަކަށް ބަހުސް މަރުހާލާގައި ވަހަކަ ދައްކަން ލިބޭ ވަގުތު އިތުރެވެ. މެންބަރުން މަދު ޕާޓިތަކަށާއި، މިނިވަން މެންބަރުނަށް ބަހުސްގެ ވަގުތުގައި ލިބެނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ބައެއް ފަހަރަށް މިނިވަން މެންބަރުންނަށް 30 ސިކުންތުގެ ވަގުތުކޮޅެއް ލިބޭ ފަހަރުވެސް އާދެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާއި އެހެނިހެން ސިޔާސީ ޕާޓިތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދު މަދުވުމުގެ ސަބަބުން އެ ޤަވާއިދަށް ޢަމަލުކޮށްފިނަމަ އިދިކޮޅު މެންބަރުނަށް ލިބޭ ވަގުތު ވަރަށް ބޮޑުތަން ކުޑަވާނެއެވެ. އެހެންކަމުން އެކަމަށް ރިޔާއަޔްކޮށް މަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެނެސް އިދިކޮޅު މެންބަރުންނަށްވެސް ބިލްތަކަށް ބަހުސްކުރުމަށް ހަމަހަމަ ފުރުޞަތު ދެއްވާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޤަވާއިދު އިޞްލާޙު ކުރާ ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ ބަހުސް މަރުހަލާގައި ހުރިހާ މެމްބަރުންނަށް އެެއްވަރަކަށް ވަގުތު ދިނުމަށެވެ. އޭރުން ކޮންމެ މެމްބަރަކަށްވެސް ދެ މިނެޓް ލިބޭނެއެވެ . ޢަދި އެއް ގަޑިއިރު ހުރިހާ ޕާޓީތަކުގެ މެދުގައި ބަހާލުމަށްވެސް މަޖިލީހުގެ ޤަވައިދު އިސްލާހުކުރާ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

މަޖިލިސް ޤަވައިދު އިސްލާހުކުރަނީ މަޖިލިސް ތަމުސީލު ކުރާ ހުރިހާ ޕާޓީތައް ހިމެނޭ ގޮތަށް އެކުލަވާލި 11 މެމްބަރުންގެ ކޮމެޓީންނެވެ.
އަދި އެއް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށްވެސް ވަނި ކަނޑައަޅާފައެވެ.

މި ކޮމެޓީގެ މުޤައްރިރަކީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުއެވެ. ނާއިބު މުޤައްރިރަކީ ނައިފަރު ދާއިރާގެ ޕީޕީއެމްް މެމްބަރު އަހްމަދު ޝިޔާމުއެވެ. ދެން މި ކޮމެޓީގައި ހިމެނެނީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު އުމަރާއި ތިމަރަފުށީ ދާއިރާގެ ޖޭޕީގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރާއި، ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިންނާއި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފާއި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމާއި ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބުގެ އިތިރުން ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖާއި، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޤަފޫރުއެވެ

މިހާރު ޢަމަލުކުރަމުން އަންނަ މަޖިލީހުގެ ޤަވާއިދަކީ 2010 ވަނަ އަހަރު އެކުލަވާލާފައިވާ ޤަވާއިދެއްކެވެ.