ޚަބަރު

އައު މަޖިލީހުން ފެންނަނީ އުއްމީދީ ބަދަލުތަކެއް- މިނިސްޓަރ ޝިދާތާ


19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު ފެނިގެންދަނީ އުއްމީދީ ބަދަލުތަކެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން މި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމަށާއި، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެންބަރުކަމަށް ދެ އަންހެން މެންބަރުން އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު ފެނިގެންދަނީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ އުންމީދީ ބަދަލުތަކެއްކަމަށެވެ. އަދި މަޖިލީހުގެ ނާއިބު ރައީސާއި ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީގެ) މެންބަރުކަމަށް އަންހެން މެންބަރުން އިންތިޚާބު ވެގެން ދިޔުމަކީ އެކަމުގެ ފުރިހަމަ މިސާލެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ ގަލޮޅު އިތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ޢައްޔަނުކުރާ މެންބަރުކަމަަށް އައްޔަންކޮށްފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިންއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވަނީ އެންމެ 4 އަންހެނުންނެވެ. އެއީ އީވާއާއި ހިސާންގެ އިތުރުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

ރައްޔިތުންގެ މަޖިލީހަށާއި، ކައުންސިލްތަކަށާއި، އިންތިޚާބީ މަޤާމުތަކަށް އަންހެނުން ޢައްޔަނުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ބާރުއަޅުއްވަމުންނެވެ. އެގޮތުން ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުންގެ 33 އިންސައްތައަކީ އަންހެނުންނަށް ހެދުމަށް ޤާނޫނަށް އިޞްލާޙު ގެންނަވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިސަރުކާރުގެ ކެބިނެޓްގައިވެސް އަންހެން 7 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.