ޚަބަރު

ސިކްސް ސެންސަސް ލާމުން ކުޑަކުދިންނަށް މެރިން ބަޔޯލޮޖީއާއި ގުޅޭ މައުލޫމާތު ދަސްކޮށްދެނީ


ސިކްސް ސެންސަސް ލާމު ރިސޯޓުން "ޖޫނިއަރ މެރިން ބަޔޯލޮޖީ" ގެ ނަމުގައި ކުޑަކުދިންނަށް މެރިން ބައޯލޮޖީއާއިބެހޭ މައުލޫމާތު ދަސްކޮށްދޭ ޕްރޮގުރާމެއް ފަށައިފިއެވެ.

ސިކްސް ސެންސަން ލާމުގެ މެރިން ޓީމުން މި ޕްރޮގްރާމުގެ ޒަރިއްޔާއިން ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ ކޮންމެ މީހަކީވެސް މެރިން ކޮންޒަވޭޝަނިސްޓަކަށް ވެވިދާނެ މީހެއްކަމެވެ. މި ޕްރޮގުރާމް ކުރިއަށްގެންދަނީ އެ ރިސޯޓަށް ޒިޔާރަތްކުރާ އުމުރުން 6 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ. މިއީ ރިސޯޓަކުން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ ފުރަތަމަ ޕްރޮގުރާމެވެ.

ސިކްސް ސެންސަން ލާމުގެ ޖެނެރަލް މެނޭޖަރ މާޓިން ވޭން ވިދާޅުވީ، މިއީ ތަފާތު ގޮތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށާއި، އެގޮތުން މި ޕްރޮގުރާމް މެދުވެރިކޮށް މެރިން ބައޮލޮޖިސްޓްއެއްގެ 1 ދުވަސް ހޭދަކުރާގޮތް ކުދިން ތަޖުރިބާ ކުރާނެކަމަށެވެ. އަދި ރިސޯޓުގައި ހޭދަކުރާ މުއްދަތުގައި ކުދިންނަށް މި ޕްރޮގުރާމްގެ އެކި ސެސަންތަކުގައި ބައިވެރިވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސިކްސް ސެންސް ލާމު ރިސޯޓުން މީގެކުރިން ވަނީ "ޕްރޮޓެކްޓް މޯލްޑިވްސް ސީގްރާސް" ގެ ނަމުގައި، މޫދު ވިނަ ހިމާޔަތްކުރުމުގެ ޙާއްސަ ކެމްޕެއިނެއްވެސް ފަށާފައެވެ.

މިއީ ސިކްސް ސެންސް ލާމުގެ މެރިން ޓީމް "މޯލްޑިވްސް އަންޑަރ ވޯޓަރ އިނީޝިއޭޓިވް" އާއި ބްލޫ މެރިން ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މި ކެމްޕެއިނުގެ ދަށުން ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ސީގްރާސް ނުވަތަ މޫދުވިނަ ހިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޫދުވިނައިގެ މުހިންމުކަން ހާމަކޮށްދީ ފަތުރުވެރި ރިސޯޓުތައް ހުންނަ ރަށްރަށުން މޫދުވިނަ ނޮޅުން ހުއްޓާލުމަށް ބާރު އެޅުން ހިމެނެއެވެ.