ކުޅިވަރު

ކްލޮޕް އާއި ޕޮޗެޓީނޯއަށް ސައުތްގޭޓްގެ ތަޢުރީފް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ އިނގިރޭސި ދެޓީމުގެ ދެކޯޗުންނަށް، އިނގިރޭސި ގައުމީ ޓީމުގެ ކޯޗް ގެރެތް ސައުތްގޭޓް ތަޢުރީފުކޮށްފިއެވެ.

ސައުތްގޭޓް ބުނީ، ޔޫރަޕްގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި އިނގިރޭސި ދެކުލަބު ކުޅޭތަން ފެނުން އެއީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

ސައުތްގޭޓް ބުނީ ލިވަޕޫލްއަޑް މިސީޒަނުގައި އަދި ތައްޓެއް ކާމިޔާބު ކުރެވިފައި ނެތަސް، ލީގުގެ ދެވަނަ ހޯދައި، ވިދިވިދިގެން ދެވަނަ ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރުން އެއީ ކުޑަކަމެއް ނޫން ކަމަށެވެ.

އޭނާބުނީ މިފަހަރުގެ ޕްރެމިއާ ލީގުގެ ވާދަވެރިކަން އެހެން ފަހަރުތަކަށްވުރެ މާ ބޮޑު ކަމަށެވެ. އަދި އޭނާ ވަނީ ލިވަޕޫލްއިން ލީގުގައި ދެއްކި ކުޅުން ފާހަގަކޮށް، ކޯޗް ޔާގެން ކްލޮޕްއަށް ތަޢުރީފް ކޮށްފައެވެ.

ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓިނޯ އަށް ތަޢުރީފް ކުރަމުން ސައުތްގޭޓް ބުނީ، މިއީ އެކުލަބުން ބޮޑު މުބާރާތެއް ކާމިޔާބުކުރަން ލިބޭނެ އެންމެ ރަނގަޅު އެއް ދަނޑިވަޅު ކަމަށާއި، ވޭތުވެދިޔަ ސީޒަންތަކުގައި އެކުލަބުން ކުޅެމުން އައީ ވަރަށް ގިނަ ގޮންޖެހުންތަކާއި އެކުގައި ކަމަށެވެ.

ސައުތްގޭޓް ބުނީ ޓޮޓްނަމް އިން އެކުލަބުގެ އައު ސްޓޭޑިއަމް މިއަހަރު ހުޅުވިފަހުން އެޓީމު ކުޅުނު މަދު މެޗުތަކުގައިވެސް އެޓީމް ފެނުނީ ތަފާތުކޮށް ކަމަށާއި، ކުއްލިއަކަށް ހޯމް ސްޓޭޑިއަމް ތަފާތުވުމުން އެއީ ޓީމަށް އޭގެން އަސަރުކުރާނެ ކަމެއް ކަމަށެވެ.

ނަމަވެސް ޓޯޓްނަމް މިސީޒަނުގައި ދައްކަމުން އަންނަ ތަފާތު ކުޅުން ފާހަގަކޮށް ސައުތްގޭޓް ވަނީ ކޯޗް ޕޮޗެޓީނޯއަށްވެސް ތަޢުރީފް ކޮށްފައެވެ.

ސައުތްގޭޓް ބުނީ ފައިނަލުގައި ކޮންމެ ޓީމެއް މޮޅުވި ކަމުގައިވިޔަސް އެއީ އިނގިރޭސި ފުޓުބޯޅައަށް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.