ކުޅިވަރު

ޕްރީ ސީޒަން ޓްރެއިނިންގ ކޭމްޕަކަށް މާޒިޔާ ސައުދީއަށް ފުރައިފި


މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ފަރިތަކުރުންތަކެއް ފުރިހަމަކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.

ފައިތުވި އަހަރުގެ ރާއްޖޭގެ އެއްވެސް ކުލަބަކަށް އޭއެފްސީ ކަޕުން ޖާގަ ލިބިފައި ނެތުމުން ލީގުގެ އެއްވަނަ އަދި ދެވަނަ ޓީމަށް އެފްއޭއެމުން ހޯދައިދިން މި ފުރުސަތުގައި މާޒިޔާއިން ސައުދީއަށް ފުރިއިރު މިއީ ޕްރީސީޒަންގައި މަޒިޔާއިން ފުރިހަމަކުރާ ދެވަނަ ޓްރެއިނިންގެ ކޭމްޕެވެ.

މާޒިޔާ ސައުދީއަށް ފުރުމުގެ ކުރިން އެފްއޭއެމްގެ ރަޢީސް ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިސްވެރިންވަނީ ކުޅުންތެރިންނާއި ބައްދަކުކޮށްފައެވެ.

ސައުދީއަށް ފުރުމުގެ ކުރިން މީޑިއާތަކާއި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް މަރްޔާން ސެކުލޯސްކީ ބުނީ، މާޒިޔާއިން މިއަހަރުގެ ސީޒަނަށް ކުރިމަތިލަނީ ހޯދެންހުރި ހުރިހާ ކާމިޔާބީއެއް ހޯދަން ކަމަށާއި، އެހެންކަމުން ޓާގެޓަށް ވާސިލްވާން މި ޓްރެއިނިންގް ކޭމްޕަކީ ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

އަދި މި ޓްރެއިނިންގް ކޭމްޕްގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅުމުގެ ފުރުސަތު ލިބޭ ކަމަށާއި، މާޒިޔާއިން ވަރުގަދަ ސްކޮޑަކާއިއެކި ނިކުންނައިރު ގިނަ މެޗްތަކެއް ކުޅެން ލިބުމަކީ ޓީމް ރަނގަޅަށް އަތުރާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ސެކުލޯސްކީ ބުންޏެވެ.

"މާޒިޔާގައި މިއޮތީ ވަރިގަދަ ސްކޮޑެއް، މިފަހަރު ލީގަށް ބަލާއިރު އެހެން ޓިމުތަށްވެސް ވަރަށް ވަރުދަގަ، އެހެން ފަހަރު ތަކަށްވުރެ ވާދަވެރިވެސް ވާނެ، އެހެންވީމަ މިކަހަލަ ޓްރެއިނިންގް ކޭމްޕެއް މިވަގުތު ލިބުން މިއީ މީގެން ވަރަށް ބައިވަރު ފައިދާތަކެއް ކުރާނެ ކަމެއް." ސެކުލޯސްކީ ބުންޏެވެ.

މާޒިޔާގެ އިތުރުން އެންމެ ފަހުގެ ލީގް ޗެމްޕިއަން ޓީސީއަށްވެސް އެފްއޭއެމުން ވަނީ މިފުރުސަތު ހޯދައިދީފައެވެ. މަޒިޔާއިން ސައުދީގައި ޓްރެއިނިންގްތަށް ފުރިހަމަކުރުމަށްފަހު އުމްރާއެއް ވުމަށްވެސް ވަނީ ނިންމާފައެވެ.