ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަޤްސަދުގައި ޖަރުމަނުވިލާތް، އޮސްޓިރިއާ، އަދި ސުވިޓްޒަލޭންޑްގެ ނޫސްވެރިން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
މި ދަތުރަކީ މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން މިއަހަރު ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިޔަށްގެންދާ މިފަދަ ދަތުރުތަކުގެ ތެރެއިން ތިންވަނަ ދަތުރެވެ.
މި ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން އިން ޖޫންމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުގައި މި ޓީމުން ތިބުމަށް ހަމަޖެހިފައިވަނީ ސީކްރެޓް ޕެރެޑައިސްގެ އެހީތެރިކަމާއެކު ގުރައިދޫ ޕާމް އިން ގެސްޓް ހައުސް، ލިޔެލާ ރިޓްރީޓް، ކުރަމަތި މޯލްޑިވްސް، އަދި ސަން ސިޔާމް އިރުފުށީގައެވެ. މިދަތުރުގައި ދިވެހިރާއްޖޭގެ ކަޑުއަޑީގެ ރީތިކަމާއި، ރާއްޖޭގެ ސަގާފަތާއި، އަދި ދިވެހި ކެއުމުގެ ރަހަ ދައްކާލެވިގެންދާނެ ކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.
މީޑިޔާ ޓީމްގައި ހިމެނެނީ ނޫސްވެރިން އެމީހުން ރާއްޖޭގައި ކުރާ ތަޖުރިބާތަކާއި ގުޅޭ ލިޔުންތައް ލިޔެ މިޑިޔާގައި ޝައިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިޓީމުގައި ހިމެނޭ ބައެއް ނޫސްވެރިން ނިސްބަތްވާ ޖަރުމަނުވިލާތަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އެންމެ ބޮޑު އެއް މާކެޓެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާލާއިރު މިއަހަރުގެ ޖެނުއަރީއިން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޖަރުމަނުންނެވެ. އޮސްޓްރިއާ އާއި ސްވިޓްޒަލޭންޑް ހިމެނެނީ 10 ވަނައާއި 12 ވަނައިގައެވެ.
މި އަހަރުގެ ތެރޭގައި ރާއްޖެއަށް ވަނީ ޖަރުމަނުން ތިރީސް ދެ ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 13.6 އިންސައްތައިގެ ކުރިއެރުމެކެވެ. އެމް.އެމް.ޕީ.އާރ.ސީގެ އުންމީދަކީ މި ދަތުރުތަކުގެ ސަބަބުން ދިވެހިރާއްޖެ އިތުރަށް މި ޤައުމު ތަކުގައި އިޝްތިހާރު ވުމަށް މަގުފަހިވެގެން ދިއުމެވެ.