ތަޢުލީމު

ރިޕޯޓްފޯމު ހަވާލުކޮށް، ފުރަތަމަ ޓާރމުގެ ކިޔެވުން ނިންމާލައިފި


ދަރިވަރުންނަށް ރިޕޯޓް ފޯމު ހަވާލުކޮށް، މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާރމުގެ ކިޔެވުން ނިންމާލައިފިއެވެ.

މިއަހަރުގެ ފުރަތަމަ ޓާރމުގެ ކިޔެވުން ނިންމާލާފައިވާއިރު، މާލޭއާއި އަތޮޅުތަކުގެ ސްކޫލުތަކުގައި މިހަފްތާގެ ތެރޭގައި ވަނީ ދަރިވަރުންނަށް ރިޕޯޓު ފޯމު ހަވާލުކޮށްފައެވެ. އަދި ބައެއް ސްކޫލުތަކުގައި މިއަދުވެސް ވަނީ ދަރިވަރުންނަށް ރިޕޯޓު ފޯމު ހަވާލުކޮށްފައެވެ. ނަމަވެސް "މީމިސް" ބޭނުން ކޮށްގެން ރިޕޯޓް ފޯމް ޖެނެރޭޓް ކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ސަރުކާރުގެ 213 ސްކޫލުގެ ތެރެއިން 10 ސްކޫލެއްގައި ރިޕޯޓު ފޯމު ދޫކޮށްފައިވަނީ ޑިޖިޓަލްކޮށެވެ.

73 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ރާއްޖޭގައި ފަށާފައިވަނީ ބޮޑެތި ބަދަލުތަކަކާއެކުއެވެ. އެގޮތުން މިއަހަރު 144 ސްކޫލެއްގައި އެއް ދަންފަޅިއަށް ވަނީ ކިޔަވައިދޭން ފަށާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ސްކޫލް ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން 25 ސްކޫލެއްގައި މި ޕްރޮގްރާމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ވަނީ ފަށާފައެވެ.

ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާރމުގެ ބަންދު ދިމާވަނީ ފިޠުރު ޢީދު ބަންދާއެވެ. އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އެކެޑެމިކް ކަލަންޑަރު ދައްކާގޮތުން މިއަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ.