ޚަބަރު

އިސްލާމީ ޔުނިވަރސިޓީން މިއަހަރުވެސް ޤުރުއާން އަވަރގައި ބައިވެރިވެއްޖެ


ދުނިޔޭގެ ޤުރުއާން އަވަރގައި މިއަހަރުވެސް އިސްލާމީ ޔުނިވަރސިޓީން ބައިވެރިވެއްޖެއެވެ. އިސްލާމީ ޔުނިވަރސިޓީން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ޙަރަކާތުގައި ބައިވެރިވަމުންނެވެ.

ވޯލްޑް ޤުރުއާން އަވަރ ނުވަތަ ދުނިޔޭގެ ޤުރުއާނުގެ ގަޑިއަކީ މެލެޝިއާގެ ޤުރުއާނާބެހޭ މަރުކަޒުކަމަށްވާ އިޚްލާސް ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރެއްގައިވެސް ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ދުނިޔޭގެ ގިނަ އިސްލާމިކް ޤައުމުތަކަކުން ބައިވެރިވާއިރު މިހުރިހާ ޤައުމަކުންވެސް މިކަން ކުރިއަށްގެންދަނީ އެއްގަޑިއިރަށެވެ.

ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ވާހަކަތަކާއި މުޢުޖިޒާތުގެ ވާހަކަ ހިމެނޭ ޤުރުއާނުގެ އާޔަތްތައް ތިލާވަތުކޮށް އެއާޔަތްތައް ބާވައިލެއްވުނު ޙާލަތްތަކާއި ގުޅޭގޮތުން މި ޕްރޮގްރަމްގައި ވާހަކަދައްކާފައިވެއެވެ. މިޕްރޮގްރާމްގެ މަޤްޞަދަކީ ޤުރުއާނާމެދު ވިސްނާ ބަޔަކު އުފައްދައި، ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބައްޓަންކުރާ ބަޔަކު ބިނާކުރުންކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މިއަހަރުގެ މިޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 4 މަޢުޟޫއެއްގެ މައްޗަށެވެ. އެއީ ޤުރުއާނުގައިވާ ކަޙްފް ބާގައިގެ މީހުންނާއި، 2 ބަގީޗަގެ ވެރިޔާގެ ވާހަކައާއި، މޫސާގެފާނާއި ޙިޟްރު ޢަލައިހިއްސަލާމްގެ ވާހަކައާއި ޛުލްޤަރުނައިނިގެ ވާހަކައެވެ.

މިއަހަރުގެ ޤުރުއާން އަވަރގައި ޢިލްމުވެރިންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރާއި ދިވެހި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝެއިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާއި އިސްލާމީ ޔުނިވަރސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުންގެންދަވާ އައްޝެއިޚް ޙަސަން ތައުފީގު ޢަބްދުއްރަޚްމާނާއި އައްޝެއިޚް މޫސާ އަންވަރެވެ.

2016 ވަނަ އަހަރުން ފެށިގެން އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއާ އޮފް ޤުރުއާން އެންޑް ސައިންސްއިން އިސްނަގައިގެން މިޕްރޮގްރާމްގައި އަންނަނީ ބައިވެރިވަމުންނެވެ.