ދީން

ހޮނިހިރު ދުވަހުވެސް ފިތުރު ޒަކާތް ބަލައިގަންނާނެ


ފިތުރު ޒަކާތް ބަލައިގަތުން އަންނަ ހޮނިހިރު ދުވަހުވެސް ކުރިއަށްގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިގޮތަށް ނިންމީ ވިހާވެސް ގިނަ ފަރާތްތަކަކަށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން މެންދުރު 2 ޖެހުމާއި ހަމައަށް އިސްލާމީ މަރުކަޒުގައި ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 3.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، 60 ހާހަށްވުރެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ތާރީޚަކީ އަންނަ ޖޫންމަހުގެ ތިންވަނަ ދުވަހެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަ ފެށީ ރޯދަމަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.

ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1 ޖެހުމާ ހަމައަށް ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މާލޭގައި ޒަކާތް ބަލައިގަންނަމުން ގެންދާނީ އިސްލާމިކް މަރުކަޒުގައި ޤާއިމުކޮށްފައި ހުންނަ ކައުންޓަރުންތަކުންނެވެ.

ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.

އުރީދޫއާއި ދިރާގު ކަސްޓަމަރުންނަށް އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ފިޠުރު ޒަކާތްދެއްކޭނީ ރަމަޟާން މަހުގެ ހަތާވީސްވަނަ ދުވަހުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށްކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފިޠުރު ޒަކާތް ގޮވާމުން ދެއްކުމުގެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. މިގޮތުން
ގޮވާމުންނަމަ ފިޠުރު ޒަކާތް ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ގޮދަން ފުށް، ތައިލެންޑް ހަނޑޫ ، ރަތް ހަނޑޫ، އަދި އާޓާ ފުށެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވަނީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގައެވެ. ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 3 ވަނަ ދުވަހަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.