އެންމެ ބޮޑު ލަންޑަން ޑާބީގައި އާސެނަލް ބަލިކޮށް ޗެލްސީ ޔޯރަޕާ ލީގު އުފުލާލައިފިއެވެ. ޔޫރަޕްގެ ކްލަބް ތަކުގެ މެދުގައި ކުޅެވޭ ދެވަނައަށް އެންމެ ބޮޑު މުބާރާތުގެ ފައިނަލްގައި ލަންޑަނަށް ނިސްބަތްވާ ދެޓީމްގެ ކުރިމަތިލުން ފެނިގެންދިޔައިރު މެޗުން ކުރި ހޯދީ މިހާރު ބޮޑު ސުވާލުމާކެއްގެ ތެރޭގައި އޮތް ޗެލްސީއެވެ.
ޗެލްސީގެ އެންމެ މުހިއްމު ކުޅުންތެރިއާ އެޑެން ހަޒާޑް ކްލަބް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމުގައި ބޮޑު ޔަގީންކަމެއް މީޑިއާތަކުން ދެމުންދާއިރު މިއީ ހަޒާޑް ޗެލްސީއަށް ކުޅެދިން ފަހުމެޗަށްވާނަމަ އޭނާ މެޗު ނިންމާލާފައި ވަނީ ޗެލްސީއަށް ޔޫރޮޕާ ލީގު ނަގައިދީ ފައިނަލް މެޗުގައި ދެ ލަނޑު ޖަހައިގެންނެވެ. ޔޫރަޕާ ލީގު ފައިނަލް ޗެލްސީ ކާމިޔާބުކުރީ ހަތަރެއް އެކަކުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅުނީ އާސެނަލް، އެހެންނަމަވެސް ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފައެވެ. އަދި މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފް ފަށައިގެން ހަތަރު މިނެޓުވެސް ނުހިނގަނީސް ޗެލްސީއަށް ކާމިޔާބުކޮށްދިނީ ފްރާންސް ފޯވާޑް އޮލިވަރ ޖިރޫއެވެ. އަދި އޭގެ ފަހުން ޗެލްސީއަށް ލީޑް ފުޅާކޮށްދިނީ ސްޕެއިން ފޯވާޑް ޕެޑްރޯއެވެ. އަދި އެޑެން ހަޒާޑްގެ ލަނޑަކުން ޗެލްސީ ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އެފަރަގު ދެ ލަނޑަށް ތިރިކުރީ އާސެނަލްގެ އެލެކްސް އިވޯބީއެވެ. އެހެންނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވަނީސް ހަޒާޑް ވަނީ ފައިނަލް މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ ޗެލްސީއަށް އަލުން ތިން ލަނޑުގެ ލީޑެއް ހޯދައިދީ ޔޫރަޕާ ލީގު ޔަގީންކޮށްދީފައެވެ.
މިމެޗަށް ނިކުތްއިރުވެސް ޗެލްސީ ވަނީ ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދާ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައެވެ. އެހެންނަމަވެސް އާސެނަލް ކުޅެމުންދިޔައީ ޗެމްޕިއަންސް ލީގުގެ ޖާގައެއްވެސް ހޯދުމުގެ އަޒުމުގައެވެ. އެއީ ޔޫރޮޕާ ލީގު އުފުލާލައިގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އޮތުމުންނެވެ. އާސެނަލްއަށް އެމާޒަށް ވާސިލުވިޔަނުދީ ހުރަސް އެޅީ ޕްރިމިއަރ ލީގުގައިވެސް އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ގަދަ ހަތަރަކުން ޖާގަ ހޯދި އަވަށްޓެރި ޗެލްސީއިންނެވެ.
ޗެލްސީގެ އެންމެ މުހިއްމު ކުޅުންތެރިއާ އެޑެން ހަޒާޑް މިއަންނަ ސީޒަންގައި ފެންނާނީ ޗެލްސީއިންތޯ ނުވަތަ ރެއާލް މެޑްރިޑުންތޯ ސުވާލު އުފެދިފައިވާއިރު މިރޭގެ މެޗަށް ނިކުތް އިރު ކްލަބްގެ ކޯޗު މައުރީސިއޯ ސަރީވެސް ކްލަބްގައި ހުންނާނެ ކަމާމެދު އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. ސިރީ މިއަންނަ ސީޒަންގައި ޔުވެންޓަސްގެ ކޯޗަކަށް ވުމަށް މިހާރު އެއްބަސްވެފައި ވާކަމަށްވެސް އިޓަލީގެ މީޑިއާތަކުން ވަނީ މެޗުގެ ކުރިންވެސް ބުނެފައެވެ.
މިހުރިހާ ކަމެއްގެ ތެރެއިންވެސް ޗެލްސީ މިވަނީ ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ޔޫރަޕްގެ ބޮޑު މުބާރާތެއް ތިން ވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. އަދި މިއީ މައުރީސިއޯ ސަރީގެ ކޯޗިން ކެރިއަރުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެވެ.