ޚަބަރު

ސައިކަލެއް އެކްސިޑެންޓުވެ ފިހާރައަކަށް ވަދެއްޖެ


ދުއްވާފައި ދިޔަ ސައިކަލެއް ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރަތެރެއަށް ވަދެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓު ހިނގަން މެދުވެރިވީ އުމުރުން 34 އަހަރުގެ އަންހެނަކު ބޮޑު ރަސްގެފާނު މަގުން ދުއްވާފައިދަނިކޮށް ސައިކަލު ކުރިމައްޗަށް ކުއްޖަކު އެރުމުން އެކުއްޖާގައި ނައްޓާލަން އުޅުމުގެ ތެރޭގައިކަމަށެވެ.

އެކްސިޑެންޓް ވި ސައިކަލްގެ ފަހަތުގައި ޢުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު އިންކަމަށާއި މި ހާދިސާގައި އެ ކުއްޖާގެ އަތް ކަފާއިގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

މިރޭ ހިނގި މި އެކްސިޑެންޓަގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެެއެވެ. ޢެހެންނަމަވެސް ލޭ ފެނިގެން އެ އަންހެން މީހާ ހޭނެތުމުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށް ފުލުހުން ބުނެއެވެ. ޢަދި ސައިކަލް ދުއްވަން އިން އަންހެން މީހާއަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ބުނެއެވެ.

އައްޑޫ ސިޓީ ހިތަދޫގައިވެސް ވަނީ މިރޭ 7 ޖެހި އިރު އެކްސިޑެންޓެއް ހިނގާފައެވެ. ސައިކަލަކާއި ކާރެއް ޖެހި ހިނގި މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް ވަނީ ގެއްލުން ލިބިފައެވެ. ސައިކަލު ދުއްވި ފިރިހެން މީހާއަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ބުނެއެވެ

މި ދެމައްސަލަވެސް ފުލުހުން މިހާރު ތަޙުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.