ރާއްޖެއިން ފުރަން އުޅުނު ބިދޭސީއަކު އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފއިވަނީ ބިދޭސީ ފިރިހެނެއްކަމަށެވެ. އެއީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްކަން އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ އެ މީހާ ހައްޔަރުކޮށްފައިވަނީ ދެމަފިރިންގެ ގޮތުގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށްކަމަށް ބުނެ އޮޅުވާލައިގެން އަންހެނަކާއެކު ރާއްޖެއަށް އެތެރެވުމަށްފަހު އަނބިމީހާކަމަށް ބުނި އަންހެން މީހާ ރާއްޖެއަށް ދޫކޮށްލުމަށްފަހު އޭނާގެ ޕާސްޕޯޓު ހިފައިގެން ފުރަން އުޅުމުންކަމަށެވެ. އަދި މިހާރު މިމައްސަލައިގައި ހިފެހެއްޓި މީހާ އިތުރު ތަޙުޤީޤަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރ ސެކިއުރީގެ ނިޒާމު ވަރުގަދަކޮށް، ރާއްޖެ އެތެެރެވާ މީހުންނާއި ފުރާ މީހުންގެ ކަންކަން ބެލެހެއްޓުން ހަރުދަނާކޮށް ޕޯޓުތަކުގެ ސަލާމަތީ ކަންކަން ވަރުދަގަ ކުރުމަށް ދާދިފަހުން ޕޯޓުތަކުގައި ބޭނުންކުރާ ސެކިއުރިޓީ ސިސްޓަމްތައްވެސް އަޕްޑޭޓްކޮށްފައެވެ.