ވިޔަފާރި

ރިސޯޓް ކުލީގެ ގޮތުގައި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ


ރިސޯޓް ކުލީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކުރާ ދައުލަތުގެ މާލީ ހިސާބުތަކުގައިވާ ގޮތުން، މިއަހަރު ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން މިހާތަނަށް ރިސޯޓް ކުލީގެ ގޮތުގައި 466.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އެހެން އާމްދަނީތަކަށް ބަލާއިރު، ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސްގެ ގޮތުގައި 354.7 މިލިއަން ރުފިޔާ މިހާތަނަށް ލިބިފައިވެއެވެ. ގްރީން ޓެކްސްގެ ގޮތުގައި މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވަނީ 892.7 މިލިއަން ރުފިޔާއެވެ.

ރިސޯޓްތަކާއި ހޮޓާތަކުން ދޭ ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޓީ-ޖީއެސްޓީގެ ގޮތުގައި މިއަހަރު 5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ. އޭގެ ތެރެއިން މިހާތަނަށް ދައުލަތަށް 2.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި މިހާތަނަށް 326 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އޭޑީސީގެ ގޮތުގައި 705 މިލިއަން ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.

ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލާއިރު، މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ 8.7 ބިލިއަން ރުފިޔާ ލިބިފައެވެ. އޭގެ ތެރެއިން 8.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.