ޚަބަރު

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ އަމާން ވެށީގައި ބައިވެރިވާން ހުޅުވާލައިފި


ފުލުހުންގެ ފަރާތުން 'އަމާން ވެށި' ގެ ނަމުގައި އައްޑޫސިޓީގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

އަންނަ މަހުގެ 18 ވަނަ ދުވަހުން 30 ވަނަ ދުވަހާއި ހަމައަށް ހިންގާ މިޕްރޮގްރާމުގައި އާންމުންނަށް ހުޅުވާލައިގެން ކަސްރަތު ޕްރޮގްރާމަކާއި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބާއްވާ ހަވީރަކާއި ސްކޫލު ކުދިންނަށް ހިންގާ ހަރަކާތްތަކެއް ހިމެނެއެވެ.

މިޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ކައުންސިލާއެކު ފުލުހުންގެ ފަރާތުން ބޭއްވެވި ބައްދަލުވުމުގައި އެފަރާތުން ވިދާޅުވީ ޖޫން މަހުގެ ފަހު ދެހަފްތާގައި ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައިވާއިރު ފުރަތަމަ ހަފްތާގައި ސްކޫލް ކުދިންނަށް ބާއްވާ ކޭމްޕް އޮންނާނެ ކަމަށެވެ. އަދި އެ ކޭމްޕް އޮންނާނީ ހިތަދޫ ސްކޫލުގައެވެ. ދެވަނަ ހަފްތާގައި ކޭމްޕް އޮންނާނީ ޝަރަފުއްދީން ސްކޫލުގައި ކަމަށާއި ކޮންމެ ކޭމްޕެއްވެސް ހިންގާނީ 115 ސްކޫލް ދަރިވަރުން ބައިވެރިކޮށްގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި ސްކޫލް ދަރިވަރުންނަށް ހިންގާ ކޭމްޕް ހަރަކާތް ކުރިއަށް ދާއިރު އާންމުންނަށް ހިންގާ ކަސްރަތު ހަރަކާތްތައްވެސް ރަށުތެރޭގައި ކުރިއަށް ދާނެ ކަމަށެވެ. އެކަސްރަތު ޕްރޮގްރާމުގައި ބައިވެރިންނަށް ދަސްކޮށްދެއްވުމަށް ފުލުހުންގެ ފަރާތުން އެކަމަށް ޙާއްސަ އިންސްޓްރަކްޓަރުން ތިއްބަވާނެއެވެ.

'އަމާން ވެށި' ޕްރޮގްރާމު ނިންމުމުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިސްރަށްވެހިންނަށް ބާއްވާ ހަވީރަކުންނެވެ.