ކުޅިވަރު

ބްރެޒިލްގެ ފަރިތަކުރުންތަކުގައި ނޭމާއަށް އަނިޔާވެއްޖެ


އަންނަ މަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާތަށް ތައްޔާރުވަމުން އަންނަ ބްރެޒިލް ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ފޯވާޑް ނޭމާއަށް އަނިޔާވެއްޖެއެވެ.

އިއްޔެގެ ފަރިތަކުރުންތަކުގައި ނޭމާ ވަނީ ވާއަތު ކަކުލަށް އަނިޔާވެގެން މެޑިކަލް ސްޓާފުންގެ އެހީގައި، ފަރިތަކުރުންތަށް ދޫކޮށް ދަނޑުން ފައިބާފައެވެ. ނޭމާއަށް އަނިޔާވީ ފަރިތަކުރުންތަކުގައި ޑިފެންޑަރި ތިއާގޯ ސިލްވާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ.

ނޭމާއަށް ލިބިފައިވާ އަނިޔާ އާއިގުޅޭ އެއްވެސް މަޢުލޫމާތެއް ބްރެޒިލްގެ ޤައުމީ ޓީމުން އަދި ހާމަކޮށްފައެއް ނުވެއެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކެއްވަންދެން ނޭމާ މި ސީޒަންގައި ކުޅުމާއި ދުރުގައި ހުންނަން ޖެހުނެވެ.

ދާދިފަހުން ކޯޗް ޓިޓޭވަނީ ބްރެޒިލްގެ ކެޕްޓަން ބޭންޑް ނޭމާ އަތުން އަތުލާފައެވެ.

2007ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިފަހުން މިހާތަނަށް ބްރެޒިލްއަށް އަދި ބޮޑު މުބާރާތެއްގެ ތަށި އުފުލާލެވިފައެއް ނުވެއެވެ.