ކުޅިވަރު

ވޮލީ އެސޯސިއޭޝަންގެ މައްސަލަތަކެއް ބަލަން ފަށައިފި


ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅޭ މައްސަލަތަކެއް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން ބަލަން ފަށައިފިއެވެ. ވީއޭއެމްގެ ލީޑަޝިޕާއި ގުޅޭގޮތުން ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، ސްޕޯޓްސް ކޮމިޝަނުން އެސޯސިއޭޝަން އާއި ގުޅޭ މައްސަލަތަކެއް ބަލަމުން ދާކަން ސްޕޯޓްސް ކޮމިޝަނުންވެސް ވަނީ ޔަގީންކޮށްދީފައިއެވެ.

ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަވަމުން ސްޕޯޓްސް ކޮމިޝަނާރ އަޙުމަދު ސަލީމް ވިދާޅުވީ ވޮލީބޯޅަ އެސޯސިއޭޝަން އާއި ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަމަށާއި، ނަމަވެސް މިވަގުތު އެކަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ދެވެން ނެތް ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވީއޭއެމްގެ ލީޑަޝިޕާއި ގުޅޭ ގިނަ މައްސަލަތަކެއް ހިފައިގެން ވޮލީބޯޅަ އާއިލާގެ ބައެއް ފަރާތްތަކުން ވަނީ މިނިސްޓާރ މަހްލޫފް އާއިވެސް ބައްދަލުކޮށްފައިއެވެ.

ދާދިފަހުން ވޮލީބޯޅަ އެސޯސިއޭޝަންގެ ލޯގޯ ބަދަލުކޮށް އެސޯސިއޭޝަންގެ ރަޢީސް އަޙުމަދު ލަތީފް ވަނީ އެސޯސިއޭޝަންގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިއެވެ. ނަމަވެސް ވީއޭއެމްގެ ލީޑަޝިޕަށް ވޮލީބޯޅަ އާއިލާގެ ގިނަ ފަރާތްތަކަކުން ދަނީ ފާޑުކިއުންތަށް އަމާޒުކުރަމުންނެވެ.

ވޯލީބޯޅަ އެސޯސިއޭޝަންގެ ރަޢީސްކަމާއި ލަތީފް ހަވާލުވެވަޑައިގަތީ 2016ވަނަ އަހަރު ބޭއްވުނު އިންތިޚާބު، ކުރީގެ ރައީސް މުޙައްމަދު ރިޔާޒް ކާމިޔާބުކުރައްވާފައި ވަނިކޮށް، އިންތިޚާބުގައި މައްސަލަތަކެއް އުޅޭކަމަށް ތުހުމަތުކޮށް ސްޕޯޓްސް ކޮމިޝަނާއި، ހޯމް މިނިސްޓްރީ އިން އިންތިހާބު ބާތިލް ކުރުމުން، ދެން ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.