 
					
									
			ގައުމީ ޓީމްގެ ފޯވާޑް އަލީ ފާސިރު އީގަލްސްއަށް ސޮއިކޮށްފިއެވެ. ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އީގަލްސްއާއި ގުޅިފައިވަނީ މިދިޔަ އަހަރު ފާސިރު ކުޅުނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް މިއަހަރު ސަސްޕެންޑް ވުމާއި ގުޅިގެންނެވެ. 
ނިއުގެ ސީނިއަރ ބައެއް ކުޅުންތެރިންނަށް 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުގެ ސަބަބުން އެފްއޭއެއިން އެކުލަބް ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެސަސްޕެންޝަން ދަމަހައްޓާފައިވަނީ އެންމެ ފަހުން އެފްއޭއެމްގެ ކޮންގްރެސްގައެވެ. ކޮންގްރެސްއިން ނިންމާފައިވަނީ އެންމެ އަވަހަށް ދެން ބޭއްވޭ ކޮންގްރެސްއަކާ ހަމައަށް ސަސްޕެންޝަން ބޭއްވުމަށެވެ. 
ކުލަބް އީގަލްސްއިން ވަނީ އަލީ ފާސިރު އެކުލަބްއާއި ގުޅުނުކަން ޔަގީންކޮށްދީފައެވެ. ނިއުގައި ދިގު މުއްދަތަކަށް ކޮންޓްރެކްޓެއްގައި ހުރި އަލީ ފާސިރުއަކީ ނިއު ސަސްޕެންޑް ވީފަހުން ނިއު ދޫކޮށްދިޔަ އެންމެ ފަހު ކުޅުންތެރިންޔާއެވެ. އެކުލަބްގެ ހުރިހާ ކުޅުންތެރިން މިހާރު ވަނީ އެކި ކުލަބްތަކަށް ބަދަލްވެފައެވެ.
ފާސިރު މިއަހަރުގެ ސީޒަންއަށް އީގަލްސްއަސް ބަދަލްވެފައިވާއިރު، ފާސިރު އެންމެ ފުރަތަމަ ކުޅުން ފެށީވެސް ކުލަބް އީގަލްސްއިން ކަން ފާހަގަކޮށްލެވެއެވެ. ފާސިރު ވަނީ ދެ ފަހަރެއްގެ މަތިން އެންމެ ގިނަ ޖޯލް ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓް ހޯދާފައެވެ. 
ކުލަބް އީގަލްސްގެ ކޯޗުގެ ގޮތުގައި މިއަހަރު މަސައްކަތް ކުރާނީ ތަޖްރިބާކާރު ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)އެވެ.