ޚަބަރު

ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމިޝަނުން ނެރެފައިވަނީ ދޮގު ރިޕޯޓެއް - އެޗްއާރްސީއެމް


ރާއްޖޭގެ ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމިޝަނުން ޢާންމުކޮށްފައިވަނީ ހަގީގަތާއި ޚިލާފް ދޮގު ރިޕޯޓެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރްސީއެމުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމިޝަނުން ޢާންމުކުރި އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅޭގޮތުން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައިވަނީ އެރިޕޯޓަކީ ޤާނޫނުން އެޗްއާރުސީއެމްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ބެލުމެއްނެތި ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

ޖަލު ކޮމިޝަނުން ނެރުނު ރިޕޯޓްގައި އެންޓި ޓޯޗާރ ޤާނޫނުގެ ދަށުން އެ ކޮމިޝަނުން ބަލަމުންދާ ޓޯޗާރ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައިތިބޭ މީހުންގެ އެންމެހައި ހައްގުތައް ކަށަވަރުކުރުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި އެރިޕޯޓް އެކުލަވާލުމަށް އެޗްއާރްސީއެމުން ޖަލު ކޮމިޝަނަށް ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމެއްނެތި، ހަޤީގަތާއި ޚިލާފް މަޢުލޫމާތު ހިމަނާފައިވާކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

އެޗްއާރްސީއެމްގެ ނޫސް ބަޔާން

މީގެ އިތުރުން ޖަލު ކޮމިޝަނުން ނެރުނު ރިޕޯޓްގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރަނގަޅު ކުރުމަށް ހުށަހަޅާފައިވާ ގިނަ ހުށަހެޅުން ތަކަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅައި އެކަންކަން ތަންފީޛްކުރުމަށް އެތަކެއް މަސައްކަތްތަކެއްކޮށް މިހާރުވެސް އެ ހުށަހެޅުންތައް ތަންފީޛްކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންދާ ހުށަހެޅުންތަކެއްކަން އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަައެވެ.

އެޗްއާރުސީއެމްއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގެ ޖަލުތަކުގައި ކޮންމެ ޤައިދީއަކަށް ވަކިއުސޫލަކުން ޢަމަލުކުރުމުގެ ސަބަބުން ޖަލުގެ އުސޫލުތައް ގިނަ ބަޔަކަށް އޮޅުންއަރައި ޖަލުގެ ހާލަތު އިންސާނުން ބަންދުކޮށްގެން ގެންގުޅުން އެކަށީގެން ނުވާ ހާލަތަށް ގޮސްފައިވާކަމަށް ޖަލުތައް އޮޑިޓުކުރުމަށް އެކުލަވާލި ކޮމިޝަނުން ހާމަކުރުމާ ގުޅިގެންނެވެ.

އެކޮމިޝަނުން އެލުކަވާލި ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ ޖަލުތަކަކީ އެކި ކެޓަގަރީގެ މީހުން ބަންދުކުރުމަށް ހަދާފައިވާ ޖަލުތަކަކަށްވީނަމަވެސް، ގިނަ ޖަލުތަކުގައި ހުރިހާ ކެޓަގަރީއެއްގެ މީހުންވެސް ތިބިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ޖަލުތަކުގައި ޤައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅާފައިނުވާކަމާއި، އެކި ޖަލުތަކުގައި އެއް ކެޓަގަރީއެއްގެ މީހުންނާމެދުވެސް އެކި ގޮތަށް ޢަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ބަދަލުގައި ތަޙްޤީޤަށް ބަންދުކުރެވޭ މީހުންނާއި، ތަޙްޤީޤް ނިމި، ޝަރީއަތް ފެށި، ނުވަތަ ޝަރީއަތް ފެށި، ޙުކުމްކުރުމުގެ މަރުހަލާގައި ތިބި މީހުންނަށާއި، ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށް، އެމީހުންގެ ސަލާމަތީ ގިންތިއަށް ރިޢާޔަތްކޮށް ލުއި ޖަލުތަކަށް ޚާއްސަ ބައިތަކެއް ހިމެނޭ ގޮތަށް ހުރިހައި ޖަލަކުން އެއްގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅައި، އެއް އެސް.އޯ.ޕީ އޮތުމަކީ، ޖަލުތަކުގެ ކަންތައްތައް އެއް އުސޫލަކުން ހިންގައި، ޤައިދީންނާއި ބަންދުމީހުންނަށް ލިބިދީފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން ފުރިހަމައަށް ރައްކާތެރިކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ދެކޭކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މި ރިޕޯޓްގައި މާލެ ޖަލާއި މާފުށި ޖަލުގައި ގައިދީން ބައިތިއްބާފައިވަނީ ޖަލުގެ ޖާގައަށްވުރެ އިތުރަށް މީހުން ބައިތިއްބާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. 290 ޞަފްހާގެ މި ރިޕޯޓްގައި ރާއްޖޭހެ ހުރިހާ ޖަލުތަކެއްގެ ހާލަތު ވަހިވަކިން ބަޔާންކޮށް އިޞްލާހުކުރުމަށް ހުށައަޅާކަންކަންވެސް ފާހަގަކޮށްފައިވެއެވެ.

މި އޮޑިޓް ރިޕޯޓްގައި ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބޭތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މި ރިޕޯރޓު ޢާއްމުކުރުމާއެކު، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކުރަންޖެހޭ ބައެއް ކަން ކުރުމުގައި އެކޮމިޝަނުން އެންމެ އެދެވޭގޮތުގައި މަސައްކަތް ނުކުރާކަން ހާމަވެފައިވާއިރު، އެކޮމިޝަނުން ކޮށްފައިވާ ބައެއް މަސައްކަތައްވެސް ކަމާބެހޭ ފަރާތްތަކަށް ސާފުވާނެހެން ހާމަކޮށް ހުށަހަޅާފައި ނުވާކަން ވަނީ ހާމަވެފައެވެ.

ވޭތުވެދިޔަ ފަސްއަހަރުދުވަހުގެ ތެރޭގައި ޖަލުތަކުގައި ހިނގައިދިޔަ ބައެއް ކަންކަމާއި ޤައިދީންނާމެދު ބޭއިންސާފުން ހިންގާފައިވާ ޢަމަލުތަކާއި، ޝައްކު އުފެދޭގޮތަށް ޖަލުތަކުގައި މަރުވެފައިވާ މީހުންގެ މައްސަލަފަދަ ބައެއް ކަންކަމުގައި އެޗްއާރުސީއެމްއެމްއިން މާބޮޑު މަސައްކަތެއް ކުރިތަނެއް ނުފެނެއެވެ. އަދި އެއްވެސް ކުށެއް ސާބިތުނުވެ އެތައްބަޔަކު ގިނަދުވަސްތަކެއް ވަންދެން ޖަލުގައި ބަންދުކޮށްފައި ވުންފަދަ ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުން އިންތިހާއަށްދިޔަ އެޗްއާރުސީއެމްއިން އެކަންކަމާމެދު ބަސްބުނެފައި ނުވާކަން ފާހަގަކުރެވެއެވެ.

މިއާޚިލާފަށް ވެރިކަން ބަދަލުވެ މިހާރުގެ ސަރުކާރު ވެރިކަމާ ޙަވާލުވުމާއެކު ވަރަށްކުދިކުދި ކަންކަމުގައިވެސް ބަޔާންތައް ނެރެ އެކޮމިޝަން ވަރަށްބޮޑަށް ޙަރަކާތްތެރި ކޮމިޝަނެއްގެގޮތުގައި ވަނީ ފާހަގަވާން ފަށާފައެވެ.