ވިޔަފާރި

މިއަހަރު އިތުރު 30 ގެސްޓް ހައުސް ހުޅުވައިފި


މިއަހަރުގެ މިހާތަނަށް ރާއްޖޭގައި އިތުރު ތިރީސް ގެސްޓްހައުސް ހުޅުވާ، ޙިދުމަތްދޭން ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު 30 ގެސްޓް ހައުސް ހުޅުވާފައިވާއިރު، ރާއްޖޭގައި މިހާރު ޖުމްލަ 548 ގެސްޓްހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ.

ރާއްޖޭގެ ރަށްރަށުގައި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ، އަދި އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ އެއް ވިޔަފާރިއަކީ ގެސްޓްހައުސް ވިޔަފާރިއެވެ. އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް މި ވިޔަފާރިން ރަނގަޅު މަންފާއެއް ލިބެއެވެ.

ގެސްޓްހައުސް ވިޔަފާރިއަށް އޮންނަ މަޤްބޫލްކަމާއި އެކު، މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި އަހަރު ނިމުނު އިރު، ރާއްޖޭގައި އޮޕަރޭޓްކުރަމުން އައީ 518 ގެސްޓްހައުސްއެވެ. މިއަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް މި އަދަދު ވަނީ 548 އަރާފައެވެ.

މި ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިއަހަރުގެ މިހާތަނަށް މިވަނީ އިތުރު ތިރީސް ގެސްޓްހައުސް ރާއްޖޭގައި ހުޅުވާ ހިންގަން ފަށާފައެވެ.

ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި ފުޅާ ވަމުންދާއިރު، ދައުލަތަށްވެސް ގެސްޓް ހައުސްތަކުން ލިބޭ އާމްދަނީ އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ގެސްޓްހައުސްތަކުން ދައުލަތަކަށް ގްރީން ޓެކްސްގެގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާރޗުމަހު ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު ފަސްދޮޅަސްނުވައެއް އިންސައްތަ އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވެ، ކުރިއަރަމުންދާއިރު ސަރުކާރުންވެސް ދަނީ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް، ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ސަރުކާރުން ދަނީ މިހާރުވެސް މަޝްވަރާކުރަމުންނެވެ.