ރާއްޖޭގެ ޖަލުތަކުގައި ތިބި ކޮންމެ ޤައިދީއަކަށް މަހަކު ފަނަރަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާކަމަށް
ރާއްޖޭގެ ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމިޝަނުން އާންމުކުރި އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގެ ޖަލުތަކުގައި ފަނަރަ ސަތޭކައާއި ގާތްކުރާ އަދަދަށް މީހުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ކޮންމެ މަހަކު ފަނަރަ ހާހަށްވުރެ ގިނަ ރުފިޔާވަރު ޚަރަދު ކުރާ ކަމަށެވެ.
ޖަލުތަކާއި ގުޅޭ އޮޑިޓް ރިޕޯޓްގައި ވަނީ، ބަންދުކޮށްފައި ތިބި ގައިދީންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ އެތައް ޚިދުމަތްތަކެއް ފުރިހަމަ ނުކުރެވޭއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި އެހެންކަމުން އެހައި ބޮޑު އަދަދެއް ޚަރަދު ކުރުމަކީ ދަޢުލަތަށް ކެރިކުޅަދާނަ ކަމެއް ނޫން ކަމަށް ދަޢުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ފާހަގަކޮށްފައިވާ ކަމަށް ބުނެފައެވެ.
ރިޕޯޓްގައި ވަނީ ގައިދީންނަށް ކުރަން ޖެހޭ ޚަރަދު ބޮޑުވަނީ ޖަލުތަކުގައި މީހުން ބައިތިއްބަން ޖެހޭ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުން ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބޭތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޙާލަތަށް ބެލުމަށްފަހު ޖަލުތަކުގެ އާބާދީ ކުޑަ ކުރުމަށް ޖަލު ޙުކުމް ނޫން އެހެން އަދަބު ދިނުމާއި ރަނގަޅު ފެންވަރުގެ ރީހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ޕްރޮގްރާމްތައް ޖަލުގައި ހިންގައިގެން މީހުން ކުށްކުރުން ތަކުރާރުކުމުން ދުރުހެލިކޮށް، މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި އިޔާދުކުރުމާއި ކުރީގެ ހަރުކަށި ޤާނޫނުތަކުގެ ދަށުން ދިގު މުއްދަތައް ޖަލުގައި ބަންދުކޮށްފައިތިބި މީހުންގެ މައްސަލަތައް ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް އަލުން މުރާޖަޢާކުރަން ޖެހޭ ކަމަށް ބުނެފައެވެ.
މި ރިޕޯޓްގައި މާލޭ ޖަލާއި މާފުށި ޖަލުގައި ގައިދީން ބައިތިއްބާފައި ވަނީ ޖަލުގެ ޖާގައަށްވުރެ އިތުރަށް ކަންވެސް ފާހަގަކޮށްފައިވެއެވެ. 290 ޞަފްހާގެ މި ރިޕޯޓްގައި ރާއްޖޭހެ ހުރިހާ ޖަލުތަކެއްގެ ހާލަތު ވަހިވަކިން ބަޔާންކޮށް އިޞްލާހުކުރުމަށް ހުށައަޅާކަންކަންވެސް ފާހަގަކޮށްފައިވެއެވެ.