ވިޔަފާރި

އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް، ވިލާ ގޭސް ފުޅި އޯޑަރކޮށް، ފައިސާ ދެއްކޭ ނިޒާމެއް ތައާރަފްކޮށްފި


އުރީދޫގެ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް، ވިލާ ގޭސް ފުޅި އޯޑަރކޮށް، ފައިސާ ދެއްކޭ ނިޒާމެއް، އުރީދޫ މޯލްޑިވްސްއާއި ވިލާ ގޭސް ގުޅިގެން މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫގެ މިޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން މެދުވެރިކޮށް ކޮންމެތާކު ހުރެގެންވެސް، ކަސްޓަމަރުންނަށް ގޭސް ފުޅި އޯޑަރކޮށް، އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.

މި ޚިދުމަތް ތަޢާރަފްކޮށްދެއްވީ އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްގައި މިއަދު ބޭއްވި ޚާއްސަ ޙަފްލާއެއްގައި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގެ ޑެޕިްއުޓީ މެނޭޖިންގ ޑައިރެކްޓަރ، މުހައްމަދު ރަޝީދާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާނެވެ.

މި ޙިދުމަތާގުޅޭގޮތުން އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ މިޙިދުމަތާއެކު ވިލާ ގޭސް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

"އުރީދޫގެ އަމާޒަކީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ފޯރުކޮށްދިނުން. މިގޮތުން އެމް-ފައިސާ އަކީ އެއް ޕްލެޓްފޯމެއްގައި އެންމެ ގިނަ ބިލްތަކެއް ދައްކާލެވޭ ޚިދުމަތް" އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.